Saturday, October 31
އީސީގެ އިތުބާރު ގެއްލިގެންދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ޝާހިދު އިލްތިމާސް ކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) އާމެދު ދިވެހިރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ގެއްލުނަނުދީ ހިފެހެއްޓުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަނުގެ މެމްބަރުންނަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

ޝާހިދު މިގޮތަށް އިލްތިމާސްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދުގެ ނަމުގައި ފުރާފައިވާ ވަގު ފޯމެއް ޕީއެންސީއިން އީސީއަށް ހުށަހެޅި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޒިޔާދުގެ ނަމުގައި ފުރާފައިވާ ވަގު ފޯމެއް ހުށަހެޅުމުން އިލެކްޝަން ކޮމިޝަނުން އެކަން ބަލައިގަތުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

މި ވަގުތަކީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރެއްވިކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފި ހިނދެއްގައި މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިގެންދާނެ އިސްލާހެއް ގާނޫނު އަސާސީއަށް ގެނެވިފައިވާ ވަގުތެއްކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހިންނަށް ލިބުނު ފެހި ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ އެންމެ މުހިންމު އެއް ކޮމިޝަނަކީ އިލެކްޝަން ކޮމިޝަން ކަމަށާއި، އެ ކޮމިޝަނާމެދު ދިވެހި ރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ގެއްލުނަނުދީ ހިފެހެއްޓުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް ކޮމިޝަނުގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މީގެއިތުރުން ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ސިޔާސީ ޕާޓީއަކަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވާ ފަރާތްތައް ހޯދުމަށްޓަކައި ޖިނާއީ ތަހުގީގެ ފުލުހުން ހިންގުމަށް ގޮވާލައްވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު