މާފަންނު ސަހަރާގައި ބަހައްޓާފައިވާ ސްޓޯމް ވޯޓަރ ޕަންޕް ސްޓޭޝަނަށް ލިބިފައިވާ ގެއްލުމަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެހީތެރިކަމާއެކު ޕަމްޕް ސްޓޭޝަން އަލުން އޮޕަރޭޝަނަލައިޒްކުރެވި ވަގުތީ ޙައްލެއް ގެނެވިފައިވާ ކަމަށެވެ.
ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވީ، މާފަންނު ސަހަރާގެ ބިން ކޮނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން މާލޭ ސިޓީ ކައުންސިލާއި އެ ކައުންސިލްގެ ކޮންޓްރެކްޓަރު ޒިންމާދާރުކަން ކުޑަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ފަރާތްތަކުން ވަނީ މާލޭގެ ހުޅަނގު އުތުރު ފަރާތަށް ޚިދުމަތްދޭ އެތަނުގައި ހުރި ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަން އެ ވުޒާރާއަށް އެންގުމަކާ ނުލައި ރުޅާލާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ވަށައިގެންވާ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި، ޕަމްޕް ސްޓޭޝަން އަލުން އިއާދަކުރެވޭނެ ގޮތްތައް މިހާރު ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މުއްޠަލިބް ވިދާޅުވީ އެ ވުޒާރާގެ މުވައްޒަފުން ގަވާއިދުން ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓްކުރާ ކަމަށާއި، މި ޕަމްޕް ސްޓޭޝަން މިދިޔަ ހަފުތާގައިވެސް ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ޕަމްޕް ސްޓޭޝަން މަސައްކަތްކުރިއިރު ހުރި ތަފާތު އެނގޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑރ. މުއްޠަލިބް ވަނީ، ޕަމްޕިންގ ސްޓޭޝަން އެޅުމަށް އެތަން ކޮނެ، އެތަނުގައި ހުރި ގަބުރުތައް ނަގާފައިވާ ކަމަށާއި، އެހެންކަމުން ޕަމްޕް ސްޓޭޝަން ހުރި ސަރަހައދު ކޮނުމުގެ ބޭނުމެއް ނެތްކަން ފާހަގަކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން