Saturday, October 31
އިސްލާމް ދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން: ޑރ. ޝަހީމް

އިސްލާމް ދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ، މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެން ދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ދެއްވެވި ތަޤުރީރުގައެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ މިކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްލާމް ދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމު ކަމަށެވެ. އިސްލާމް ދީނުގައި ޢިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމަށާއި، ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ ޢިލްމުވެރި ނަމޫނާއެއް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްވެސް ވަޒީރު ފާހަގަކުރެެއްވިއެވެ.

ވަޒީރު ޑރ. ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު