Saturday, October 31
ރައީސްކަމުގެ ހުވާކުރެއްވުމަށް ދުވަސްކޮޅަކަށްވެފައި ވަނިކޮށް ޓްރަޕަށް ހުކުމް އިއްވަައިފި

ޖަނަވަރީ 20 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ތައްޔާރު ވަމުންދާ, އެމެރިކާގެ އިންތިޚާބީ ރައީސް, ޑޮނަލްޑް ޓްރަމްޕަށް ކޯޓުން އިއްޔެ ހުކުމް އިއްވައިފިއެވެ.

މި ހުކުމާއެކު ޓްރަމްޕަކީ ކުށެއްގެ ޙުކުމެއް އިއްވާފައި ހުރެ, ރިޔާސަތާއި ހަވާލުވެވަޑައިގަންނަވާނެ އެމެރިކާގެ ފުރަތަމަ ރައީސަކަށް ވާނެވެ.

ޓްރަމްޕަށް ހުކުމްކޮށްފައި ވަނީ, ޕޮނޯގްރަފީ ފިލްމުތަކުގައި މަސައްކަތްކުރާ އަންހެން ތަރިއަކަށް, ހަޝް-މަނީގެ ގޮތުގައި ފައިސާ ދިނުމުގެ މައްސަލައަކާއި ގުޅިގެން 34 ދަޢުވާއެއްއެއްގެ މައްޗަށެވެ.

ޓްރަމްޕްގެ ޤާނޫނީ ޓީމުން ވަނީ މި މައްސަލައިގެ އަޑުއެހުން ހުވާކުރުމުގެ ފަހަށް ލަސްކޮށްދިނުމަށް ކޯޓުގައި އެދިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެކަން ބާތިލްކޮށް, އޭގެ ފަހު ދުވަހު ހުކުމް އިއްވާފައެވެ.

ޙުކުމް އިއްވުމުގައި ޓްރަމްޕްގެ މަސްއޫލިއްޔަތުތަކަށް ކުރިމަތިވާނެ ބުރަ ކުޑަކުރުމަށްޓަކައި ކޯޓުން ވަނީ ވާރޗުއަލް އަޑުއެހުމަކަށްފަހު "އަންކޮންޑިޝަނަލް ޑިސްޗާޖް' އެއްގެ ޙުކުމެއް އިއްވާފައެވެ.

މި ނިންމުމުގެ ސަބަބުން ޓްރަމްޕްގެ ދާއިމީ ރެކޯޑުގައި މި ކުށް ހިމެނިގެންދާނެއެވެ. ނަމަވެސް، އޭނާއަށް ޖަލު ޙުކުމެއް، ޖޫރިމަނާއެއް އަދި ޕްރޮބޭޝަނެއް ވެސް މި ހުކުމާ ގުޅިގެން ނުލިބޭނެއެވެ. އެހެންކަމުން، ރައީސްކަމުގެ ހުވާކުރައްވައި ވައިޓް ހައުސްއަށް ދިއުމުގައި ހުކުމާ ގުޅިގެން އެއްވެސް ހުރަހެއް ނެތެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ޖިނާއީ ޝަރީޢަތުގައި ކުށްވެރިވުމަކީ ކުރެވުނު ވަރަށް ނުބައި ތަޖުރިބާއެއް ކަމަށާއި އޭނާ އެއްވެސް ކުށެއް ކޮށްފައި ނުވާކަމަށެވެ. އަދި މައްސަލަ އިސްތިއުނާފު ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

"މިއީ ސިޔާސީ ވިޗް-ހަންޓެއް، މިކަން ކުރީ އަހަރެންގެ ސިޔާސީ ގޮތުން އަބުރަށް ގެއްލުން ދިނުމަށް، އަދި އިންތިޚާބުގައި ބަލިކުރުމުގެ މަޤްސަދުގައި. އެކަމަކު އެކަން ކާމިޔާބެއް ނުވި." ފަނޑިޔާރު ހުކުމް އިއްވުމުގެ ކުރިން ޓްރަމްޕް ވިދާޅުވިއެވެ.

މި މައްސަލައިގައި ފަނޑިޔާރުން ވަކާލާތުކޮށްފައި ވަނީ ހަޝް-މަނީގެ ގޮތުގައި ދިން ފައިސާގެ މަޤްޞަދަކީ އެ އަންހެން މިހާ އާ ޖިންސީ ގުޅުމެއް އޮތްކަމުގެ ތުހުމަތުގައި ސިޔާސީ އަބުރު ހުތުރު ވެދާނެތީ ފޮރުވުމެވެ.

މި ފައިސާ ދީފައިވަނީ 2016 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. އެ އިންތިޚާބުގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަން ބަލިކޮށް ފުރަތަމަ ފަހަރަށް އިންތިޚާބުވެވަޑައިގެންފައެވެ.

މި މައްސަލާގެ ހުކުމް އިއްވާފައިވާތީވެ, އިސްތިއުނާފު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. ނަމަވެސް މި މަރުހަލާއަކީ އަހަރުތަކެއް ނަގާނެ ކަމެކެވެ. އަދި ޓްރަމްޕް ރައީސްކަމުގެ ދައުރުގައި ވެސް މި މައްސަލަ ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު