Saturday, October 31
ޙައްގުގޮތުގައި ލިބިފައިވާ އެއްވެސް ފަރާތެއްގެ ގޯއްޗާއި ފްލެޓު އަތުނުލާނެ

ޙައްގުގޮތުގައި ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗާއި ފްލެޓު އަތުނުލާނެ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން  "ގެދޮރުވެރިޔާ" ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް އާއްމު ކުރެވޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ އެ އަތޮޅުގައި ތިބި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ވައުދުވީގޮތަށް މިމަޝްރޫޢުގެ ތެރެއިން މަކަރާއި ހީލަތުން އަދި ފޯޖް ޑޮކިއުމަންޓްތަކުގެ ބޭނުންކޮށްގެން ހޯދާފައިވާ ފްލެޓުތަކާއި ގޯއްޗާއި އަދި އޭސީސީގެ ތަޙުގީގަށް ހާމަވެފައިވާ ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ ގޯއްޗާއި ފްލެޓު ފިޔަވާ އެހެން ހުރިހާ ފަރާތްތަކަށްވެސް އެމީހަކަށް ލިބިފައިވާ  ފްލެޓާއި ގޯތި ލިބުނު ތަނަކުން ދެއްވާނެކަމަށެވެ.

"އެ ކަހަލަ ކަންތައްތަކެއް ހިންގާފައި ހުރިއްޔާ، ނޫނިއްޔާ އޭސީސީން އެ ބެލި ބެލުމުގެ ތެރެއިން ގޯސްކޮށް ކަމެއް ކޮށްފައި ހުރިއްޔާ އެ ގޯސްކޮށް ކަމެއް ކޮށްފައި ހުރި މީހުން ފިޔަވައި އެހެން އެންމެންނަށް އަޅުގަނޑު ވައުދުވި ގޮތަށް ދޭންށޭ ބޭނުންވަނީ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.

އަލަށް ގެނައި ބަދަލުގެތެރެއިން ހައުސިންގ މިނިސްޓްރީގެ މަސައްކަތް މިނިސްޓަރ މުއްޠަލިބްގެ މެންޑޭޓްގެ ތެރެއަށް ލެވިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް ވީހާވެސް އަވަހަކަށް ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްގެ ލިބޭމީހުންގެ ލިސްޓް ކުރިން ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އާއްމުންގެ ޝަކުވާބޮޑުވެ އޭސީސީން ވަނީ އެމައްސަލަ ބަލާ ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ނިންމާފައެވެ. އެހެން ކަމުން ލިސްޓް ރިވިއު ކުރުމަށް ފަހު އަލުން އަދި އާއްމު ނުކުރާތީ ގިނަ ބަޔޔަކު ދަނީ ފްލެޓް ލިސްޓް އާއްމުކުރާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު