މިި ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު މާލެއަށް ފެންބޮޑުވެ ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާ އަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު ހާމާކޮށްފިއެވެ.
އެދުވަހު ވާރޭވެހި މުޅި ރާއްޖެއަށް ލިބުނު ގެއްލުމުގެ ތަފްޞީލް ޑިޒާސްޓަރ އިން ވަނީ ހާމަކޮށްފައެވެ.
އެ އޮތޯރިޓީން ވިދާޅުވީ 2.2 މިލިއަން ރުފިޔާގެ ގެއްލުމަކީ ހަމައެކަނި މާލޭގައި މީހުން ދިރިއުޅޭ ގެތަކަށް ލިބިފައިވާ ގެއްލުން ކަމަށެވެ. މީގެ ތެރޭގައި އެކި އެކި ވިޔަފާރިތަކާއި، ގުދަން އަދި އެހެންތަންތަން ނުހިމެނެއެވެ. އަތޮޅުތަކުގެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 8 ލައްކައަށް އަރާކަމަށް ވެސް ޑިޒާސްޓަރ އިން މައުލޫމާތުދެއެވެ. އަތޮޅުތަކުގައި ވެސް ލިބުނު ގެއްލުމުގެ ތެރޭގައި ދަނޑު ބިންތަކާއި ވިޔަފާރި އަދިގުދަންފަދަ ތަންތަން ނުހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
މާލޭގައި އެދުވަހު ފެންބޮޑުވެގެން އެދުވަހު އެކި އެކި އެހީތެރިކަމަށް އެދި 740 އަށްވުރެ ގިނަ ގެތަކުން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ގޭގެއާއި ވިޔަފާރިތަކާއި ސްކޫލްތަކުގެ އިތުރުން ގުދަންތައް ހިމެނެއެވެ.
ޖެނުއަރީ 3 ވަނަ ދުވަހު މާލެއަށް ޖުމުލަ 161.9 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ. މިއީ 24 ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރިކޯޑު އަދަދެއް ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ހަމައެއާއެކު ހުކުރު ދުވަހުގެ 15:00އިން 18:00އާ ހަމައަށް ތިން ގަޑިއިރު ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭ ވަނީ މާލެއަށް ވެހިފައެވެ. އެންޑީއެމްއޭއިން ބުނީ މިއީ ތިން ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށެވެ.
މީގެ އިތުރުން މިއީ މާލެއަށް ބޯކޮށް ވާރޭވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އަޕަރޭޝަން އަދި އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިންމީހުން ރައްކާތެރިތަންތަނަށްވެސް ބަދަލުކުރަންޖެހުނު ފަހަރުކަން ޑިޒާސްޓަރ އިން ވަނީ ފާހަގަކޮށްފައެވެ. އެދުވަހުގެ ވިއްސާރައިގައި މުޅި ރާއްޖެއިން ޒާރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން 53 ގެއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެތެރެއިން 27 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ދެ ދުވަހުގެ މުއްދަތަށް ފޯރުކޮށްދެވުނެވެ.
މި ލިޔުން ކިޔާލުމުން