Saturday, October 31
ހިޔާވެހި ފައިނޭންސިންގް ގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފި

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ތަޢާރަފުކުރައްވާފައިވާ ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށާ އެ ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަން ކަމަށެވެ.  ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ގޮތަށް،  މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމުގެ އުންމީދު ރައީސް ވަނީ ދެއްވާފައެވެ.

‎ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މައްސަލައަށް ޙައްލެއް ލިބެން އޮތް ދެވަނަ ގޮތަކީ ހައުސިންގް މަޝްރޫޢުތައް ހިންގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށުމަށް ދަޢުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަޖެޓަށް އިތުރު ކުރެވޭނެ މިންވަރެއް ކަމަށާ، މަޤްޞަދަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް، ޙަޤީޤީ މާނައިގައި ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

" ވަރަށް އަގުބޮޑުވާނެ ހައުސިންގ ލޯން. އެހެންވެ ސަރުކާރުން އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައަޅައިގެން މި ފެށީ ފަސް ޕަސެންޓްގެ ލޯން، އިކުއިޓީ ބަހައްޓަން ނުޖެހޭ ވަރަށް ލުއި ލޯން ސްީމެއް" ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

‎ ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ފުރުޞަތު އޮތް މީހަކަށް ވުމަކީ ޢަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ. ހައުސިންގް ޔުނިޓް ނުވަތަ ލޯނު ސްކީމާއި އެނޫންވެސް އެފަދަ މަޝްރޫޢުތަކުގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވައްސަށް ފުރުޞަތު ލިބިފައި އޮތް ރައްޔިތެއް ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވަމުން ގެންދަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

‎ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ފަށްޓަވާނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނިމިދިޔަ އަހަރުގެ މިނިވަންދުވަހު ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި "ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމް" އިފްތިތާޙުކޮށްދެއްވީ، ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު