ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީއަށް ބިނާކޮށް ޤައުމީ ކޮމްޕިއުޓަރ ވިއުގަ (ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެން.ސީ.އެން) ގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް، ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެކެވެ. ބައިނަލްއަޤްވާމީ ބީލަމަކަށް ހުޅުވާލައި މިކަމަށް ކުރިމަތިލީ ކުންފުނި ތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައިވަނީ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުންނެވެ.
އެސްޑީވޭން ޓެކްނޯލޮޖީއަކީ އިންޓަރނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ. ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، އަދި ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށްޓަކައި މި ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަންޖެހޭ ކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ.
މިގޮތުން އެން-އޭބަލް ޕްރައިވެޓް ލިމިޓެޑް އަށް އެން.ސީ.އައި.ޓީ އިން ފޯރުކޮށްދީފައިވާ ރިކުއަޔަމަންޓާއި އެއްގޮތަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެން.ސީ.އައި.ޓީއަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. މި މަސައްކަތް ނިންމަން ދެވިފައިވާ މުއްދަތަކީ 4 މަސް ދުވަހެވެ.
އެން.ސީ.އެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށުކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ޤާއިމްކޮށްފައިވާ ކޮމްޕިއުޓަރ ވިއުގައެކެވެ. އެންމެ ފުރަތަމަ މި ވިއުގަ ޤާއިމްކޮށްފައިވަނީ 2000 އަހަރުތަކުގެ ތެރޭގައި ސެޓަލައިޓް މެދުވެރިކޮށެވެ.
ނަމަވެސް ޓެކްނޯލޮޖީއަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން މި ނެޓްވޯކް އޮޕަރޭޓްކުރަނީ ދިރާގު އަދި އުރީދޫއިން ޤާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގައެވެ. ނަމަވެސް އަދި މިއީ އަގުބޮޑު ޚިދުމަތަކަށްވުމާއި، އަދި އޮފީސްތަކުގެ ޑިޖިޓަލް ޚިދުމަތްތަށް ގިނަވެފައިވާތީ މި ނެޓްވޯކްގެ ކެޕޭސިޓީ ވަނީ އިތުރުކުރަންޖެހިފައިވާ ކަމަށާއި، މީގެ އިތުން އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރާއިރު ރަށްރަށުގައި އަޅާފައިވާ ނެޓްވޯކް އިންފްރަސްޓްރަކްޗަރ ހަލާކުވުމުގެ ސަބަބުން ޚިދުމަތްތައް މެދުކެޑި އަލުން ޚިދުމަތް ދޭންފެށުމަށް ގިނަ ގޮންޖެހުންތަކެއް ކުރުމަތިވާ ކަމަށްވެސް ދާޚިލީ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ މިއީ އެކަށީގެންވާ ޓެކްނޯލޮޖީއެއްނަމަ، ސަރުކާރުން މި ވަގުތު އެން.ސީ.އެން އަށް ކުރާ ޚަދަރު އެތައްގުނައެއް ކުޑަވުމުގެ އިތުރުން ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށާއި، މި ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުމަށް އެން.ސީ.އައި.ޓީއަށް ފަސޭހަވުމާއެކު، ކައުންސިލްތަކުން ސަރުކާރާއި ގުޅިގެންދޭ އިތުރު ޚިދުމަތްތަކަށް ޚިދުމަތްތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އަދި އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް އަދި ހޮސްޕިޓަލްތަކަށްވެސް ކުޑަ ޚަރަދަކުން ޤައުމީ ކޮމްޕިއުޓަރގެ ޚިދުމަތް ފުޅާކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން