Monday, November 2
ސަލާމަތީ ކަންކަން ފުރިހަމަކޮށް ތައްޔާރުވެ ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

ސަލާމަތީ ގޮތުން ޓްރާންސްޕޯޓް ގަވާޢިދުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށް ނުރައްކާތެރި ޙާދިސާއެއް މެދުވެރިނުވާނެ ގޮތަކަށް ފިޔަވަޅު އަޅައިގެން ދަތުރުކުރެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

ޓީވީ މޯލްޑިވްސް ގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގެ މޭޖަރ އަހްމަދު މުޙައްމަދު ވިދާޅުވީ މިދުވަސްވަރަކީ މޫސުން ގޯސް، ކަނޑުގަދަ، ފައިގަދަ  އަދި ކަނޑުގެ ރާޅުތައްވެސް ބިޔަ ދުވަސްވަރެއް ކަމުން އޮޑިވެރިންނާއި ކަނޑު ދަތުރުކުރާ  އުޅަނދުފަހަރުގައި ހަރަކާތެރިވާ މީހުން މިކަމަށް ސަމާލުވާން އެދޭކަމަށެވެ.

ކޯސްޓްގާޑުން ބުނީ މައިގަނޑު ގޮތެއްގައި މޫސުން ގޯސް ދުވަސްވަރު މައިގަނޑު ގޮތެއްގައި ހިންގާފައި ހުންނަ ހާދިސާތަކަށް ބަލާއިރު ފަރަށް އެރުން، ދިޔަވުން އަދި އުޅަނދު އަޑިއަށް ދިއުން ފަދަ ހާދިސާތައް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

ކޯސްޓް ގާޑުން ވަނީ ޚާއްޞަ ގޮތެއްގައި މީހުން އަރުވަން އޮންނަ އަދަދަށް ވުރެ އިތުރަށް މީހުން ނޭރުވުމުށާއި ބަރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

"ފަހަތުން ރާޅުއަރާއިރު މީހުން އުފުލަން އޮންނަ އަދަދަށް ވުރެ އިތުރުވެ ބަރުވުމުގެ ސަބަބުންއުޅަނދު ދިޔަ ވުމުގެ ހާދިސާތައް ރެކޯޑް ކުރެވިފައި އެބަހުރި" އަހްމަދު މުޙައްމަދު ވިދާޅުވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ވަނީ އެކި ފަހަރުމަތިން ސަމާލުވާން އެދިފައެވެ.

މިއަދު މެންދުރު 11:30 ފެށިގެން ހަވީރު 5:30 އާއި ހަމައަށް ބ އަދި ލ އަތޮޅަށް ބޯކޮށް ވާރޭ ވެހި 40 މޭލަށް ވައިގަދާވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ. މީގެ އިތުރުން ބ އަތޮޅުން ސ އަތޮޅާއި ހަމައަށް 19 މޭލާ 24 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން މީޣެ ކުރިން މިއަދު ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެންލ. އަތޮޅާ ދެމެދުގެ ރަށްތަކަށް، މިއަދު 06:30 އިން 11:30 އަށެވެ. މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކުރިއެވެ.

މީގެ އިތުރުން ފަތިހު 04:30 އިން ހެނދުނު 10:00 އަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ފުވައްމުލަށް ސިޓީން އައްޑޫ ސިޓީއާ ދެމެދަށް އަދި ބ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދަށްވެސް ވަނީ ހުދު ސަމާލު ނެރުނެވެ.

އައު އަހަރާ ދިމާކޮށް ރާއްޖޭގެ މޫސުން ގޯސްވާނެތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު