އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓް ރަޝިޔާގެ ވައިގެ ސަރަހައްދަށް ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން ރަޝިޔާގެ ރައީސް ވްލާޑިމިރް ޕޫޓިން މަޢާފަށް އެދިވަޑައިގެންފިއެވެ.
ޕޫޓިން މަޢާފަށް އެދިފައިވީ ނަމަވެސް އެހާދިސާގެ ޒިންމާ ރަޝިޔާއިން އުފުލަންޖެހޭ ކަމަށް ވިދާޅުވެފައި ނުވެއެވެ.
ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ޕޫޓިން ވިދާޅުވެފައި ވަނީ މަތިންދާބޯޓު ގްރޯޒްނީގައި ޖައްސަން މަސައްކަތްކުރި އިރު ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުތަކުން ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި ރަޝިޔާގެ ވައިގެ ބަނދަރަށް ދެވެން ނެތުމުން، މަތިންދާބޯޓު އިރުމަތީ ފަރާތަށް ދަތުރުކޮށް، ކަޒަކިސްތާންގެ އަކްޓައު ކައިރީގައި ވެއްޓިފައިވާ ކަމަށެވެ. މި ހާދިސާގައި 38 މީހުން މަރުވެފައިވެއެވެ.
ވެއްޓުނު މަތިންދާބޯޓުގައި ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި އަޒަރުބައިޖާނު، ރަޝިޔާ، ކަޒަކިސްތާނު އަދި ކިރުގިޒްސްތާނުގެ މީހުން ހިމެނެއެވެ.
މި ހާދިސާ ހިނގި ސަބަބު އަދި ޔަގީންކޮށް ދެނެގަނެވިފައި ނެތް ނަމަވެސް، މި ހާދިސާ ތަޙުޤީގުކުރާ, އެމެރިކާގެ އޮފިޝަލަކު ސީއެންއެންއަށް ބުނެފައިވަނީ، ފުރަތަމަ ލިބުނު މަޢުލޫމާތުތަކުން ދައްކާ ގޮތުގައި ރަޝިޔާގެ އެންޓި އެއަރކްރާފްޓް ނިޒާމުން މަތިންދާބޯޓު ވައްޓާލި ކަމަށް ބެލެވޭ ކަމަށެވެ. ޕޫޓިންގެ ބަސްފުޅުގައި ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުތަކުން މަތިންދާބޯޓަށް ޖެހާފައިވާ ކަމަށް ވިދާޅުވެފައި ނުވެއެވެ.
ކްރެމްލިންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވްއާ ދެމެދު ކުރެވުނު ފޯނު ކޯލެއްގައި ޕޫޓިން ވަނީ މި ހިތާމަވެރި ހާދިސާ ހިނގީ ރަޝިޔާގެ ވައިގެ ސަރަހައްދުގައި ކަމަށްވީތީ މަޢާފަށް އެދިވަޑައިގެންފައެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މަތިންދާބޯޓުން ގްރޯޒްނީގެ ވައިގެ ބަނދަރުގައި ޖައްސަން ތަކުރާރުކޮށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ޔުކްރެއިންގެ ހަނގުރާމަވެރި ޑްރޯންތަކުން ފްލައިޓަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މި ހަމަލާތައް ހުއްޓުވާފައި ވަނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުތަކުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ރަޝިޔާގެ ތަޙުޤީޤު ކޮމިޓީން މިހާރު ވަނީ މި ހާދީސާ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް ފަށާފައެވެ.
މަތިންދާބޯޓު ވެއްޓުމަށްފަހު ނަގާފައި ހުރި ވީޑިއޯ އަދި ފޮޓޯތަކުން ބޯޓުގެ ބޮޑީގައި ބޮޑެތި ލޯވަޅުތައް އެޅިފައި ހުރިތަން ފެނެއެވެ. މި ލޯވަޅުތައް އުފެދުނު ސަބަބު އަދި ޔަގީންކޮށް އެނގިފައެއް ނުވެއެވެ.
ސީއެންއެންގެ އޭވިއޭޝަން އެނަލިސްޓް މައިލްސް އޯބްރަޔަން ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، ލޯވަޅުތަކުގެ ވަށައިގެން ހުރި މެޓަލް އެތެރެއަށް ބުރިވެފައި ހުރުމުން ދައްކުވައިދެނީ "މަތިންދާބޯޓުގެ ފަހަތު ބަޔާ ކައިރީގައި ގޮވުމެއް ހިނގާފައިވާ" ކަމެވެ.
ސީއެންއެންއަށް ވާހަކަދެއްކި އެމެރިކާގެ އޮފިޝަލް އިތުރަށް ވިދާޅުވެފައިވަނީ މަތިންދާބޯޓުގެ އަރިމަތީގައި ހުރި ލޯވަޅުތައް ވައްތަރީ ތޫނު ގޮވުމަކުން ލިބޭ ގެއްލުމަކާ ކަމަށެވެ.
ހޮނިހިރު ދުވަހު ކުރެވުނު ފޯނު ކޯލާ ބެހޭ ގޮތުން އަޒޒަރުބައިޖާނުން ނެރުނު ރަސްމީ ރިޔާސީ ބަޔާނުގައި ބުނެފައި ވަނީ އަލިޔެވް ޕުޓިން އާއި ހިއްސާ ކުރި ވާހަކަތަކުގެ ތެރޭގައި ރަޝިޔާގެ ވައިގެ ސަރަހައްދުގައި މަތންދާބޯޓް ވަނިކޮށް ބޭރުން ފިޒިކަލް އަދި ޓެކްނިކަލް ކަންތައްތަކަކާ ކުރިމަތިވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލުނު ކަމަށެވެ.
މީގެ އިތުރުން އަޒަރުބައިޖާނުގެ ކަމާބެހޭ ފަރާތްތަކުން މަތިންދާބޯޓުގެ ބޭރުގައި ހުރި ލޯވަޅުތައް ބަލާފައިވާ ކަމަށާއި، ދަތުރުގެ މެދުތެރޭގައި ބޭރުން ކެބިންގެ ތެރެއަށް ވަދެފައިވާ އެއްޗިހިން ފަސިންޖަރުންނާއި ފަޅުވެރިންނަށް ލިބިފައިވާ އަނިޔާތައް ބަލާފައިވާ ކަމަށާއި، ދިރި ތިބި މީހުންގެ ހެކިބަސް ވެސް އަޑުއަހައި ބަޔާން ނަގާފައިވާ ކަމަށެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސް ވަނީ އެކްސްގައި ހޮނިހިރު ދުވަހު އޭނާވެސް އަލިޔެވްއާ ވާހަކަދެއްކި ކަމަށާއި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހަމްދަރުދީ ފާޅުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިޔާ އިން މި ހާދިސާގެ ތަފްސީލްތައް ދޭންޖެހޭނެ ކަމަށާއި ހަދިސާއާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ނުފެތުރުމަށް ވެސް ވަނީ ގޮވާލާފައެވެ.
މި ހާދިސާއަށް ފަހު މަދުވެގެން ފަސް އެއަރލައިނަކުން ވަނީ ރަޝިޔާގެ ސަރަހައްދުތަކަށް ވަގުތީ ގޮތުން ދަތުރުކުރުން ހުއްޓާލައިފައެވެ. މީގެ ތެރޭގައި އަޒަރުބައިޖާން އެއަރލައިންސް، ތުރުކުމެނިސްތާން އެއަރލައިންސް، އެލް އަލް އިސްރާއީލް، ފްލައިދުބައި އަދި ޤަޒަޤް އެއަރ ހިމެނެއެވެ.
މި އެއަރލައިންތަކުގެ ތެރެއިން ގިނަ އެއަރލައިންތަކުން ބުނެފައިވަނީ ދަތުރުތައް ހުއްޓާލީ ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން