Saturday, October 31
ފިލަންޖެހޭ ކަމެއް ކޮށްފައެއް ނޯންނާނެ، މިހިރީ ބޭސްފަރުވާއަށް އިންޑިއާގައި: މުޢާޒު
ފިލަންޖެހޭވަރުގެ ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޢާޒު އިތުރަށް ވިދާޅުވީ، މިވަގުތު ހުންނެވީ ޢާއިލާއާއެކު ބޭސްފަރުވާއާއި ޗުއްޓީއަށް އިންޑިއާގައި ކަމަށާއި، އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. މުޢާޒު މިހެން ވިދާޅުވިއިރު، އޭނާ ވަނީ ފެނަކައިގެ އެމްޑީގެ މަޤާމުން 23 ޑިސެންބަރު 2024 ގައި އިސްތިޢުފާދެއްވައިފައެވެ. އަދި، އިސްތިޢުފާދެއްވުމަށްފަހު މުޢާޒު ރާއްޖެއިން ފިލީ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީގައި މުޢާޒު ވިދާޅުވީ ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު، ހަމައެކަނި ހިންގުމުގެ ޚަަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާކުރެވިފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް މިކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށް މުޢާޒް ވިދާޅުވިއެވެ. މި ފާއިތުވި އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައިނުވާ ކަމަށާއި، މިއީ ފަހުގެ ތާރީޚެއްގައި އެ ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަމަށް ވެސް މުޢާޒް ވިދާޅުވިއެވެ. އެ ކުންފުނީގެ ބެލެނިވެެރި ފަރާތް ކަމުގައިވާ މާލީ ވުޒަރާއަށް މި ކަންކަމުގައި ހުރި ދަތިތަކާއި، ކުންފުނި އޮތް ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށްގެން ގޮތެއް ހޯދުމަށް ތަފާތު އެކި ފަހަރު މަތިން ދެންނެވިފައިވާ ކަމަށް ވެސް މުޢާޒް ވިދާޅުވިއެވެ. މުޢާޒް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ޚިދުމަތަކުން އެންމެ ހިނދުކޮޅަކަށް ވެސް ވަކިވާންޖެހުން އެއީ، އޭގެ ސަބަބުން އޭނާއާއި، ކުންފުންޏާއި ރައީސްއަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަންޖެހޭނެ ކަމެއް ކަމަށެވެ. ''އެހެންކަމަށްވުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ.'' މުޢާޒްގެ ސިޓީގައިވެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު