Saturday, October 31
ހަފްތާއެއްގެ ތެރޭގައި ހިޔާވަހި ފައިނޭންސިން ސްކީމް އަށް ހުޅުވާލާނެ - މިނިސްޓަރ ހައިދަރު

ސަރުކާރުން މަސައްކަތްކުރަނީ ހަފްތާއެއްގެ ތެރޭގައި "ހިޔާވަހި ފައިނޭންސިން ސްކީމް" ލޯންޗުކޮށް ލޯނަށް އެދުމަށް ހުޅުވާލާކެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

"ހިޔާވަހި ފައިނޭންސިން ސްކީމް" ގެ ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައި ފަހުމުނާމާގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ހަފްތާއެއްގެ ތެރޭގައި އެ ފައިނޭންސް ސްކީމް ލޯންޗުކޮށް ލޯނަށް އެދުމަށް ހުޅުވާލާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް ގެދޮރު އިމާރާތްކުރުމަށް ބެނުންވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު ޕްރޮގްރާމް "ހިޔާވަހި ފައިނޭންސިން ސްކީމް"ގެ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑްވްސް (ބީއެމްއެލް) ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ވަނީ ޚާއްޞަ ރައްމިއްޔާތެއް ބާއްވާފައެވެ.

މިއަދު ހައުސިންގ މިނިސްްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްއެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން މަސައްކަތްކުރާ ސްކީމެކެވެ. އެ ސްކީމްގެ ތެރެއިން ލޯނު ދޭނީ 5 ޕެސެންޓުގެ އިންޓްރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ. މިނިސްޓްރީން ވިދާޅުވީ އެ ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތްކުރުމަށް ކަމަށެވެ.

ހިޔާވެހި ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައިހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެއެވެ.

އެ ސްކީމްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މީގެކުރިން ވަނީ އިތުރު ދެ ޕާޓުނަރުންނާއެކު ސޮއިކޮށްފައެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކު ވަނީ ސޮއިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު