އާދިއްތަ, November 15
ފުވައްމުލަކު ބޭރުން ހިފެހެއްޓި ސޯމާލިއާގެ ތިން މީހުން ފުލުހުންނާ ހަވާލުކޮށްފި

ފުވައްމުލައް ސިޓީގެ ބޭރުން އިއްޔެ ހިފެހެއްޓި ސޯމާލިއާގެ ތިން މީހުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އިއްޔެ ފުވައްމުލައް ސިޓީއަށް ގެނައި ސޯމާލިއާގެ ތިން ފިރިހެނަކު މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މީގެ އިތުރުން، އެމީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ދެނެގަތުމަށް ތަޙުޤީޤުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަދި، އެމީހުންނާ ގުޅޭގޮތުން ގުޅުންހުރި އިދާރާތަކާ މަޢުލޫމާތު ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯމާލިއާ ބަޔަކު ކަމަށް ޝައްކު ކުރެވޭ ތިން މީހުންނާއެކު ޑިންގީއެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެއެވެ. އެމްއެންޑީއެފުން އިއްޔެ ހާމަކުރި ގޮތުގައި އެ ޑިންގީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުވައްމުލައް ސިޓީގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުންނެވެ.

މީގެކުރިންވެސް ސޯމާލިޔާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. މިއަހަރުގެ ޖުލައި މަހުވެސް ނ. އަތޮޅުގެ ފަޅު ރަށަކަށް ސޯމާލިއާގެ 3 މީހުންނާއެކު ޑިންގީއެއް ވަނީ ލައްގާފައެވެ.

ސޯމާލިއާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަކީ ކަނޑުފޭރުމުގެ ހާދިސާތަށް ގިނަ ނުރައްކާތެރި ހިސާބެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު