Saturday, October 31
ފެބުރުވަރީ 8 ގައި ބާއްވާ އިންތިޚާބުތަކާ ގުޅޭ ގޮތުން ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި

އަަންނަ އަހަރުގެ ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާ /މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކާއި، ހދ.އަތޮޅު ކައުންސިލްގެ ރައީސް، ހދ.މަކުނުދޫ ކައުންސިލްގެ މެންބަރު، ނ.ލަންދޫ ކައުންސިލްގެ އަންހެން މެންބަރު، ރ.ފައިނު ކައުންސިލްގެ ރައީސް އަދި ފ.ބިލެތްދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ނައިވާދޫ، ހދ.ހިރިމަރަދޫ، ށ.ގޮއިދޫ،  ށ.ނޫމަރާ، ށ.ނަރުދޫ، ނ.މިލަދޫ، ނ.ފޮއްދޫ، ނ.ކުޑަފަރި، ރ.ހުޅުދުއްފާރު، ރ.އިންނަމާދޫ، ރ.އުނގޫފާރު، ބ.ހިތާދޫ،  ބ.ގޮއިދޫ، ބ.ފެހެންދޫ، ބ.ދަރަވަންދޫ، ކ.ހުރާ، އދ.ހަންޏާމީދޫ، ވ.ފެލިދޫ، މ.މުލި، މ.މަޑުއްވަރީ، ފ.ބިލެތްދޫ، ދ.ހުޅުދެލި، ލ.ގަން، ތ.ބުރުނި، ލ.އިސްދޫ، ގއ.ގެމަނަފުށި، ގއ.ކަނޑުހުޅުދޫ އަދި  ގދ.ރަތަފަންދުއެވެ.

އީސީއިން ބުނީ މި އިންތިޚާބުތަކާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ  "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ.

ފޯމު އީމެއިލް ކުރާނީ އެ ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެސް ކަމުގައިވާ، info@elections.gov.mv އަށެވެ.

އީސީއިން ބުނީ ވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ކަމަށެވެ. އަދި ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެ ކަމަށާއި، އީމެއިލް މެދުވެރިކޮށް ވެސް، ހުށަހެޅޭނެ ކަމަށެވެ.

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އީސީގެ ވެބްސައިޓުން ލިބޭނެއެވެ.

މި އިންތިޚާބުތަކުގައި ވާދަކުރަން އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ އީސީގެ candidacy@elections.gov.mv މެއިލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު