Saturday, October 31
ފެނަކައިގެ އެމްްޑީ މުޢާޒް އިސްތިއުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް މިއަދު ފޮނުއްވި ސިޓީގައި މުޢާޒު ވިދާޅުވީ ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު، ހަމައެކަނި ހިންގުމުގެ ޚަަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާކުރެވިފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް މިކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށް މުޢާޒް ވިދާޅުވިއެވެ.

މި ފާއިތުވި އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައިނުވާ ކަމަށާއި، މިއީ ފަހުގެ ތާރީޚެއްގައި އެ ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަމަށް ވެސް މުޢާޒް ވިދާޅުވިއެވެ.

އެ ކުންފުނީގެ ބެލެނިވެެރި ފަރާތް ކަމުގައިވާ މާލީ ވުޒަރާއަށް މި ކަންކަމުގައި ހުރި ދަތިތަކާއި، ކުންފުނި އޮތް ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށްގެން ގޮތެއް ހޯދުމަށް ތަފާތު އެކި ފަހަރު މަތިން ދެންނެވިފައިވާ ކަމަށް ވެސް މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ޚިދުމަތަކުން އެންމެ ހިނދުކޮޅަކަށް ވެސް ވަކިވާންޖެހުން އެއީ، އޭގެ ސަބަބުން އޭނާއާއި، ކުންފުންޏާއި ރައީސްއަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަންޖެހޭނެ ކަމެއް ކަމަށެވެ.

''އެހެންކަމަށްވުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ.'' މުޢާޒްގެ ސިޓީގައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު