Saturday, October 31
ހިންގުމުގެ ޚަރަދުން 160 މިލިއަން ރުފިޔާ ޚަރަދު ކުޑަ ކުރެވިއްޖެ: ފެނަކަ

ފާއިތުވި އަހަރެއްހައި ދުވަހު ކުރެވުނު މަަސައްކަތްތަކުން އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، ކުންފުނީގެ ހިންގުމުގެ ޚަރަދުން 160 މިލިއަން ރުފިޔާ ޚަރަދުކުޑަ ކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން މިހެން ބުނެފައިވަނީ ފާއިތުވި އެއް އަހަރުގެ ތެރޭގައި، އެ ކުންފުނީގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކުރިއަށް ހާސިލު ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމަށް އަލިއަޅުވައިލައި އެކުލަވައިލި ފޮތުގައެވެ.

'"ފާއިތުވި 1 އަހަރު"' ގެ ނަމުގައި އިއްޔެ އިފުތިތާހުކުރި މި ފޮތުގައި ބުނެފައިވަނީ އައު މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ރެކޯޑު ކުރެވިފައިވާ ކަމަށާއި، މިއީ ކުންފުންޏަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކަމަށެވެ.އެހެންކަމުން މިއީ ކުންފުނީގެ މާލިއްޔަތަށާއި، ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިއީ ކުންފުނިން ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ދެމުން އަދާކުރެވޭ ވަރަށްވުރެ ބޮޑު ބުރައެއްކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ.

ފެނަކައިން ބުނީ މާލީ ގޮތުން ކުންފުނި ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށް އުނދަގޫ އެހެނަސް މަޖުބޫރު ފިޔަވަޅުތަކެއް މިދިޔަ އަހަރެއްހައި ދުވަސްތެރޭގައި އެޅުނު ކަމަށެވެ. އެގޮތުން އެޅި ފިޔަވަޅުތަކުން ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކޮށް، މާލީ އިންތިޒާމުތައް ހަރުދަނާކުރަން ކުރެވުނު މަސައްކަތުގެ ނަތީޖާައަކީ ކުންފުނީގެ ހިންގުމާއި ޚިދުމަތްތައް ނުހުއްޓި ކުރިއަށް ގެންދެވުން ކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ފެނަކައިން ބުނީ ކުންފުނީގެ އާމްދަނީއަކީ ކުންފުނިންދޭ އަސާސީ ޚިދުމަތްތަކުން ލިބޭ އަގު ކަމަށްވާއިރު، މި ޚިދުމަތްތަކަކީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ދިނުމަށްޓަކައި ޓެރިފް ކަނޑައަޅައި ކޮންޓްރޯލު އަގެއްގައި ފޯރުކޮށްދޭ ޚިދުމަތްތަކެއް ކަމަށެވެ. އެހެންކަމުން އާމްދަނީ އިތުރުކުރުމަށް ކުންފުނީގައި އޮތް ފުރުސަތުތައް ވަނީ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓިފައި ކަމުން މާލީ ހާލަތު ރަނގަޅު ކުރުމަށް އޮތް މަގަކީ ވެވެން އޮތް މިންވަރަކުން ޚަރަދު ކުޑަކުރުމާއި، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރެއްހައި ދުވަހު ކުރެވުނު މަަސައްކަތްތަކުން އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، ކުންފުނީގެ ހިންގުމުގެ ޚަރަދުން 160 މިލިއަން ރުފިޔާ ޚަރަދުކުޑަ ކުރެވިފައިވާ ކަމަށާއި، މި ޚަރަދު ކުޑަ ކުރެވިފައިވަނީ ޕްރޮކިޔުމަންޓް އުސޫލު ހަރުދަނާ ކުރެވި، މުދަލާއި ޚިދުމަތްތަކުގެ އަގުތައް ހޯދުމުގައި ކުންފުނިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނި ގޮތުގައި ކުންފުނީގެ ދަރަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މުދަލާއި ޚިދުމަތް ފޯރުކޮށްދީފައިވާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއާއި ލޯނުތައް އަދާކުރުމަށް ދައްކަންޖެހޭ ފައިސާއެވެ. ޚަރަދު ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކާއެކު ކުންފުނީގެ ދަރަނި އަދާކުރުމުގައި މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި، ނަމަވެސް ޚިދުމަތްތައް ދެމުން މި ދަރަނި އަދާކުރުމަކީ މިހާރު ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ.

ފެނަކައިން ބުނީ މި އަހަރުގެ އާމްދަނީގެ ތެރެއިން %40 ހޭދަކުރެވިފައިވަނީ ދަރަނި އަދާކުރުމަށް ކަމަށާއި، އެހެންކަމުން ކުންފުނި ހަމަ މަގަށް އެޅުވުމަށް ދަރަނި ރިސްޓްރަކްޗަރ ކުރުމާއި، މާލީ އެހީތެރިކަން އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު