މިހާރު ހުރި ގޮންޖެހުންތަކާއެކު ވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ނަގާ ކޮޅަށްޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފާއިތުވި އެއް އަހަރުގެ ތެރޭގައި، ފެނަކައިގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކުރިއަށް ހާސިލު ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމަށް އަލިއަޅުވައިލައި އެކުލަވައިލި ފޮތް މިއަދު ވަނީ އިފުތިތާހުކޮށްފައެވެ.
“ފާއިތުވި 1 އަހަރު” ގެ ނަމުގައި އިފުތިތާހުކުރި މި ފޮތުގައި ހިމަނާފައިވާ ''މެނޭޖިން ޑިރެކްޓަރުގެ ބަސް'' މި ބައިގައި މުޢާޒު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއާ މަތިކުރެއްވި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރައްވައި ނަތީޖާ ނެރުމަކީ، މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ދަތުރުގައި އޭނާ އަޒުމު ކަނޑައެޅުއްވި މިސްރާބު ކަމަށެވެ.
މުޢާޒް ވިދާޅުވި ގޮތުގައި އޭނާ ފެނަކައާއި ހަވާލުވެވަޑައިގެންނެވިއިރު، ކުންފުނި އޮތީ އަރައިނުގަނެވޭ ފަދަ މާލީ ގެއްލުމަކާއެކު ފުން އަނދަވަޅެއްގައެވެ. ކުރީ ދައުރުތަކުގައި ތިއްބެވި ވެރީން ކުންފުންޏަށް ވެފައިވަނީ ފިތްކަނޑައިގެންދާފަދަ ބޮޑު ޚިޔާނާތެއް ކަމަށާއި، ކުންފުނީގެ މުދަލަށާއި، މުވައްޒަފުންނަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ވެފައިވަނީ ބޮޑު އިހުމާލެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ކުންފުނީގައި އޮތް މާސިންގާ ދަރަންޏަކީ ކުރު މުއްދަތަކުން މިންޖުނުވެވޭނެ ގޮންޖެހުމެއް ކަމަށް ވެސް އެމްޑީ ވަނީ ވިދާޅުވެފަވެ.
''ކަންމިހެން އޮތުމުން މި ދަތުރުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބަކަށްވީ މި ކުންފުނި ފެންމަތީގައި ބޭއްވުމަށްޓަކައި ކޮންމެހެން ބޭނުން ފިޔަވަޅުތައް ވަގުތުން އެޅުމެވެ. ލަސް ދުވެއްޔެއްގައި ނަމަވެސް ނުހުއްޓި ކުރިއަށްދިއުމެވެ.''
މިގޮތުން އެޅުނު ދަތި އެހެނަސް މުހިންމު ފިޔަވަޅުތަކުން ހިންގުމުގެ ޚަރަދު ކުޑަކޮށް، ފުރަތަމަ ކުއާޓާއިން ފެށިގެން އޮޕަރޭޝަނަލް ޕްރޮފިޓް ނެރެވުނު ނަމަވެސް ކުންފުނީގައި އޮތް ބޮޑު ދަރަނީގެ ސަބަބުން ކޭޝްފްލޯ މެނޭޖުކުރުމަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަން މުޢާޒް ފާހަގަކުރައްވައިފައިވެއެވެ.
''އެކަމަކު އަޅުގަނޑަށް އޮތް ޔަގީންކަމަކީ މިހާރު ހުރި ގޮންޖެހުންތަކާއެކު ވެސް މި ކުންފުނި ނަގާ ކޮޅަށްޖެހޭނެ ކަމެވެ.'' އެމްޑީ ވިދާޅުވެފައިވެއެވެ.
އެ މަގުން އަމާޒު ހިފައިގެން ކުރަމުން އައި މަސައްކަތުން އެއްއަހަރު ތެރޭގައި ކުރެވުނު ކަންކަމަށް ފަސްދީ ނަޒަރު ކުރާއިރު، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވިފައިވުމަކީ ކުންފުނި އޮތް ހާލަތާ އަޅައިބަލާއިރު ކާމިޔާބެއްގެ ގޮތުގައި މުޢާޒް ވަނީ ސިފަކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން