Saturday, October 31
އެސްޕީ ރަޖުނީ މަސައްކަތްތަކުން އެކަހެރިކޮށްފި

ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތަކުން ވަގުތީ ގޮތުން އެކަހެރިކޮށްފިއެވެ.

މިގޮތަށް ނިންމީ ރަޖުނީއާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން ބަލަމުންދާތީއެވެ.

ބިންވެރިޔާ ސްކީމުން ބިން ނުލިބޭ ބަޔަކަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ބިން ލިބުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، މިދިޔަ ބުދަ ދުވަހު މި މައްސަލައިގެ ތަހުގީގު ފަށާފައިވާއިރު، ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޖުނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެފަހުން ވަނީ ނުގަވާއިދުން ވިނަރެސް ފުލެޓުތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެފައެވެ. ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވިނަރެސް ފުލެޓު ލިބުނު މީހުންގެ ލިސްޓުގައި ރަޖުނީގެ ނަން ވެސް އެބައޮތެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

މިކަމަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި، އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

މި ނިންމުމަކީ އެސްޕީ ރަޖުނީއާ ގުޅޭ ގޮތުން ފުލުހުންގެ ޚިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެ ފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމަށް ޝިފާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު