Saturday, October 31
ވިލިފުށި ދާއިރާގެ ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ވަޒީރު ޠާރިޤާއި މެންބަރު މަޝްވަރާ ކުރައްވައިފި

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ތ.ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދާއި ބައްދަލުކުރައްވައި، އެ ދާއިރާގެ ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވުޒާރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައުލޫމާތު ހާމަކުރަމުން ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ވިލިފުށި ދާއިރާގެ ތިން ރަށަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި، އެގޮތުން ބައެއް ރަށްރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަށެވެ. އަދި ޚާއްސަކޮށް ތ.މަޑިފުށްޓަށް އުދައެރުން ހުއްޓުވުމަށް އަވަސް ހައްލެއް ބޭނުންވާކަން ބައްދަލުވުމުގައި ފާހަގަކުރެވުނު ކަމަށެވެ.

މީގެއިތުރުން ނަރުދަމާ ނިޒާމާއި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށާއި، މި ދެ ކަމަކީވެސް އަވަސް ހައްލެއް ހޯދަންޖެހޭ މުހިންމު މައްސަލަތަކެއްގެ ގޮތުގައި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަމަށް ވުޒާރާއިން ބުންޏެވެ.

މި ބައްދަލުވުމުގައި ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ވިދާޅުވީ މި ބައްދަލުވުމަކީ ދާއިރާއަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މި މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުކަމަށް މެންބަރު ޙަސަން ވަޙީދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު