ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް މިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމެއް ބާތިލުކޮށްފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ނިމިދިޔަ ސަރުކާރުން 28 ނޮވެންބަރު 2022 ގައި އެކުލަވައިލި އުސޫލުގެ ދަށުން ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ ބާތިލު އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބު ނިންމަވައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވާފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން އެކުލަަވައިލި އެ އުސޫލަކީ ގާނޫނީ ހައިސިއްޔަތާއި ބާރު ލިބިގެންނުވާ އުސޫލެއް ކަމުގައި ފާހަގަކޮށް، އެ އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށް، 21 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އުސޫލާއި އެ އުސޫލުގެ ދަށުން އުފައްދާފައިވާ "މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ" އުވާލައްވައިފައެވެ. އަދި އެ އުސޫލުގެ ދަށުން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުއްވާފައެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ އެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެންނަކަމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި، ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން އެ އޮފީހަށް އަންގަވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.
''މި މައްސަލަތައް މި އޮފީހުން ދިރާސާކުރިއިރު، އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި، ތަޢައްޞުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުހައްގު މުއްސަނދިކަމެއް ލިބޭ ގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައިވެއެވެ.'' ބަޔާނުގައިވެއެވެ.
އެހެންކަމުން، އެ އުސޫލުގެ ދަށުން، ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި، އެއީ ބާތިލު އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަކީ ައަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު މިއަދު އަންގަވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން