Saturday, October 31
ބީއެމްއެލް ސްޓާޓަޕް ގްރާންޓް މި އަހަރު ލިބެނީ ޝާމިން އަދި ނިޔާފަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓަޕް ގްރާންޓް 2024 ވަނަ އަހަރު ލިބޭ 2 ވިޔަފާރި ހޮވައިފިއެވެ. ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ.

މި އަހަރު މި ގްރާންޓް ކާމިޔާބުކުރީ ނިޔާފް މުޙައްމަދު އަދި މުޙައްމަދު ޝާމިން ޢަލީ އެވެ. ނިޔާފްގެ ވިޔަފާރީގެ ނަމަކީ ދަ އައިލެންޑް ފެކްޓްރީއެވެ. މިގޮތުން ނިޔާފް ބޭނުންވަނީ ރާއްޖޭގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތަކުގެ ސިނާއަތަށް، ފެންވަރު ރަނގަޅު، އިޖާދީ ލުއި ކާނާ އުފެއްދުމަށް ފެކްޓްރީއެއް ގާއިމްކުރުމަށެވެ.

އަދި، ޝާމިން ވިޔަފާރީގެ ނަމަކީ އާފްޓަރ ސްކޫލެވެ. ޝާމިންގެ ވިޔަފާރީގެ މަޤުޞަދަކީ އަމިއްލަ އަށް ފަރުމާކޮށްގެން ރާއްޖޭގައި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، މެތަމެޓިކްސް) ކިޓު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމެވެ.

ބީއެމްއެލް ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށްވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށެވެ. ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފައިވާއިރު، ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުނެވެ.

2024 ވަނަ އަހަރަކީ އުފެދެމުން އަންނަ ވިޔަފާރިތަކަށް ޖެހިޖެހިގެން ބޭންކުން ސްޓާޓަޕް ގްރާންޓް ފޯރުކޮށްދޭ ތިންވަނަ އަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު