ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ވަގުންނަކަށް ޖާގައެއް ނޯންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަޙްމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކުރި ޚަބަރާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާމް ވިދާޅުވީ، މިއީ ދައުލަތުގެ އެހެން ކުންފުނިތަކުގެ ވެރިންނަށްވެސް ލިބޭ ރަނގަޅު މެސެޖެއް ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ވައްކަމުގެ ތުހުމަތު ކުރެވުނީމަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި ވަގުންނަކަށް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާން މިހެން ވިދާޅުވިއިރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޗްޑީސީ އާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަޙުޤީޤަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަޙުޤީޤު ނިމެންދެން އެ ކުންފުނީގެ ޗެއަރމަން އަޙްމަދު ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ވެސް ޕީސީބް ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސަސްޕެންޑްކުރި އެ ކުންފުނީގެ ބޯޑު މެންބަރުންގެ ތެރޭގައި އެމްޑީ ފަޒުލްގެ އިތުރުން ހިމެނެނީ ބޯޑު ޑިރެކްޓަރުން ކަމަށްވާ އަޒްހަރު ޢަބްދުﷲ ސައީދާއި، އިބްރާހީމް ޔޫސުފްފުޅާއި، މުޙައްމަދު ވިޝާމާއި، އުލާ މުޙައްމަދު ރަޝީދާއި، އާރިފް ޢަބްދުލް ޞަމަދާއި، މުޙައްމަދު ނާޖިލާއި، މުޙައްމަދު ވަޙީދާއި، ފާޠިމަތު މިޒްނާ ޢަލީ އަދި ޔޫސުފް ވަޙީދެވެ.
މި ލިޔުން ކިޔާލުމުން