ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވަންދެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ފަރަންސޭސިވިލާތުގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު އަދި އަލްއުސްތާޛާ ދިޔާނާ ސަޢީދު ނިންމަވައިފިއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، ޑީޕޯޓުކޮށްލަން އުޅޭ ފަރަންސޭސިވިލާތުގެ މުސްލިމް ޢާއިލާއާ ގުޅޭނެ ގޮތެއް އެނގިވަޑައިގަންނަވާ ބޭފުޅަކު ހުންނެވިނަމަ، އޭނާއަށް ނުވަތަ ދިޔާނާއަށް އިންބޮކްސް ކޮށްދެވުމަށް އެދޭ ކަމަށެވެ.
"މި ސްޓޭޓަސް ސިޔާސީ ކުރައްވައިގެން އެ ޢާއިލާ ރާއްޖޭގައި ތިބުމާ އަދި ނުތިބުމާމެދު ބަހުސް ނުކުރައްވާށެވެ"، އެ ޕޯސްޓުގައި އާޒިމާ ވިދާޅުވިއެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފަރަންސޭސިވިލާތަށް ނިސްބަތްވާ 6 މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް ލިބުނީ މިދިޔަ ޖުލައި 18 ގައި ކަމަށާއި، އެ މައްސަލަ ބެލުމަށްފަހު މިދިޔަ އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސް ފަރާތް އެ އިދާރާއަށް ހާޒިރުކުރި ކަމަށެވެ.
ތ.ވޭމަންޑޫގައި މިހާރު ދިރިއުޅޭ އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅިގެން އިމިގްރޭޝަނުން ކުރަމުންދާ ކަމުގައި ޝަމްޢާން ވިދާޅުވިއެވެ.
ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
ނަމަވެސް، އެ ޢާއިލާ ރާއްޖެއިން ޑީޕޯޓުކޮށްލަން އުޅޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފާޅުކޮށް، ދީނަށްޓަކައި އަދި އިންސާނިއްޔަތަށްޓަކައިވެސް އެ ޢާއިލާއަށް ރާއްޖޭގައި އެސައިލަމް ދިނުމަށް ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން