Saturday, October 31
އަތޮޅުތަކުގައި ވެސް ކަރަންޓް ބިލާއި ވެމްކޯ ބިލް އެއްކޮށްލަނީ

އަންނަ މަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަތޮޅުތަކުގައ ޚިދުމަތް ދޭ ރަށްތަކަށް ވެސް ކުނިއުކާލުމުގެ ފީ، ކަރަންޓު ބިލާ އެއްކޮށް ބިލްކުރަން ނިންމައިފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގެ މީޑިއާ އޮފިޝަލް "ސަބަބު" އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ ޖަނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަތޮޅުތަކަށްވެސް ބިލްކުރާނީ މާލޭގައި ބިލްކުރާ ރޭޓުން 150 ރުފިޔާކަމަށެވެ.

ވެމްކޯއިން ވަނީ މީގެ ކުރިން ވެމްކޯގެ ޚިދުމަތް ފުޅާކޮށްފައިނުވާ ބައެއް ސަރަހައްދުތަކުގައި ކުނިއުކާލުމުގެ ޚިދުމަތް ފަށާފައެވެ. ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ ސިޓީތަކާއި ލ. ފޮނަދޫ، ލ ގަން އަދި ކ. މާފުށީގައި މި ޚިދުމަތް ވަނީ ފަށާފައެވެ. އެހެން ނަމަވެސް މި ޚިދުމަތް މި ސަރަޙައްދުތަކުގައި މިހާރު ދެމުން އަންނަނީ އެއްވެސް ފީއަކާއި ނުލައެވެ.

" ޖެނުއަރީ 1 ގައި ބިލް ޓައިކުރެވިގެން މިދަނީ ޚިދުމަތް ދޭ ރަށްތަކަށް، ފެނަކަ ނުވަތަ ސްޓެލްކޯގެ ބިލަށް. ޚިދުމަތް ޖެނުއަރީގައި ފެށިނަމަވެސް ބިލް ކުރެވިގެންދާނީ ޖެނުއަރީ މަހު ޚިދުމަތް ދިނުމަށްފަހު ފެބްރުއަރީ މަހު" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވެމްކޯއިން ބުނީ އަތޮޅުތަކުގައި ވެސް ކޮންމެ ދުވަހަކު ކުނިއުކާނެ ކަމަށެވެ. މާލެއާއި ޚިލާފަށް އަތޮޅުތަކުގައި ގިނަ އަދަދަކަށް ފަތް ކުނި އުފެދޭކަން ފާހަގަކުރައްވާ ވެމްކޯއިން ބުނީ ބޮޑަށް އިސްކަންދޭނީ ކުނިވާ ޒާތުގެ ކުނި އުކާލުމަށް ކަމަށެވެ.

މީގެ އިތުރުން ވިޔަފާރިތަކަަށް ވެސް ކުނިއުކާލުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ. އެ ފަރާތްތަކަށް ކުނި އުކާލުމުގެ ޚިދުމަތްދެނީ އެބަޔަކު ބޭނުންވާ ދުވަސްތަކަކަށް ވިޔަފާރިތަކަށް އޮންނަ އުސޫލުންނެވެ.

ވެމްކޯއިން މާލޭގައި ކުނި އުކާލުމުގެ ޚިދުމަތްދޭއިރު 26000 އަށް ވުރެ ގިނަ ކަސްޓަމަރުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު