Saturday, October 31
ރައީސް ޑރ.މުޢިއްޒު 4 ކައުންސިލެއް ފިޔަވައި ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވައިފި

ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ފެށްޓެވި ދަތުރުފުޅުގައި ހަތަރު ކައުުންސިލެއް ފިޔަވައި ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑރ.މުޢިއްޒު ވަނީ ވެރިކަން ލިބިވަޑައިގަތުމަށްފަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެމަނިކުފާނަށް އެންމެ މަތީ އިންސައްތައެއްގެ ވޯޓުު ލިބިވަޑައިގެންނެވި ރަށަކަށް ކަމަށް ނިންމެވިއެވެ.

ތ.ގުރައިދޫއަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.

ރައީސް ގުރައިދުއަށް ވަޑައިގެންނެވީ މިދިޔަ ފެބުރުއަރީ ހަވަނަ ދުވަހުއެވެ.

އޭގެފަހުން އެމަނިކުފާނު މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން ގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވައިފައެވެ.

މި ދަތުރުފުޅުތަކުގައި އެމަނިކުފާނު ވަނީ ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެންމެ ފަހު އަތޮޅަކަށް ރައީސް ވަޑައިގެންނެވީ އދ.އަތޮޅަށެވެ. މި މަހުގެ 14 ގައި އެ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އިއްޔެ އޮމަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދެން ބައްދަލުނުކުރެވި ބާކީ އޮންނާނީ 4 ކައުންސިލެއް ކަމަށެވެ.

އާދެ، މި ދަތުރު، މި ސިލްސިލާގެ ދަތުރުގެ ފަހު މަންޒިލް މިއަދު މިއީ. މިއަދާ ހަމަޔަށް އަޅުގަނޑަށް ބައްދަލުކުރެވިއްޖެ، ހަތަރު ރަށެއްގެ ކައުންސިލް ފިޔަވައި ހުރިހާ ކައުންސިލަކާ. އަދި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ. އެހެންވީމާ، މި ހަތަރު ރަށާ ބައްދަލުކުރުން. އެއީވެސް ދަތުރުގެ ތެރެއިން އެކި ސަބަބުތައް ދިމާވެ ބައްދަލުނުވީ.

މި ދަތުރުފުޅުތަކުގައި ވަޑައިނުގެންނެވޭ ހުރިހާ ރަށަކަށް އަންނަ އަހަރު ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި، ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ތަރުތީބު ކުރެވިގެން، އަޅުގަނޑަށް ދެން ނުދެވިހުރި ހުރިހާ ރަށަކަށްވެސް އިރާދަކުރެއްވިއްޔާ ދާނަން. އެއްވެސް ރަށެއް ދޫކޮށްނުލާ. ހަމަ ހުރިހާ ރަށަކަށް، 2025 ވަނަ އަހަރުގެ ތެރެއަށް ބަހާލައިގެން އިރާދަކުރެއްވިއްޔާ ދާނެ ވާހަކަ ދަންނަވަން.

ރައީސް ވަނީ 2027 ގެ ތެރޭގައި ހުރިހާ ރަށަކަށް އަނެއްކާވެސް ދެވަނަ ފަހަރަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު