Saturday, October 31
ރައީސް ޑރ.މުޢިއްޒު ހަންޏާމީދޫ ކައުންސިލުގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތަކުގެ އަޑު އައްސަވައިފިއެވެ.

މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ހަންޏާމީދޫގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި، ސުކޫލުގެ ހާލަތު ރަނގަޅުކުރުމަށާއި، ޒަމާނީ ކުނި ކޮށްޓެއް ތަރައްގީކުރުމަށް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން ރަށުގެ ސަގާފަތާ ތަރިކަ ރައްކާކޮށް، އެކަމުން ރަށަށް މަންފާކުރާނެ ގޮތެއް ބޭނުންވާކަމާއި، އެކަން ކުރުމަށް ރައްޔިތުން އެދޭ ގޮތް ރައީސާ ހިއްސާ ކުރެއްވިއެވެ. އަދި ރަށުގެ ދޯނި އެހެލާ ސަރަހައްދަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ހިއްސާ ކުރެއްވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ޕިކްނިކް ދާނެ ރަށެއް ހަންޏާމީދޫ ކައިރީގައި ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރަށުގެ ހިނަވާގޭގެ މަސައްކަތް ނިންމުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކުރިއަށްގެންދިއުމުގައި ކައުންސިލުން ފާހަގަކުރެއްވި ގޮތަށް ކުރިއަށްދިއުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ހަންޏާމީދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު