Saturday, October 31
ޑރ.އިރުތިޝާމް ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނަށް އަރުވައިފި

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) އަށް އިއްޔެ އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔަާތު އޮތީ ބަކިންގހަމް ޕެލަސްގައެވެ.

މި ރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސް ވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާ ޑރ. އިރުތިޝާމް ހަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި، އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ޑރ. އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސެއިންޓް ޖޭމްސް ކޯޓް ލަންޑަން - އަ ތާޖް ހޮޓެލްގައި ޚާއްސަ ރިސެޕްޝަނެއް ބޭއްވިއެވެ.

މި ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ކޯ ގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާރޓިނޭޒްގެ އިތުރުން، މޯލްޑިވްސް-ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއަރ އާއި، އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރިސެޕްޝަންގައި ޑރ. އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަޙްމަދު މުޙައްްމަދާއި، ޑިފެންސް އެޓާޝޭ ކާނަލް ޙުސައިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފާއި، ތާރޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު