Saturday, October 31
އެމްޑީޕީ މީހުންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއްނޫން ކަމަށް ބުނި މައްސަލަ ބަލަން ޝާހިދު ގޮވާލައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއްނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްދު އިސްމާޢީލް ދެއްކި ވާހަކަ ކުށްވެރިކުރައްވައި އެކަން ބެލުމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ މެންބަރުންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއްނޫން ކަމަށް ވިދާޅުވެ، މެންބަރު މުޙައްދު އިސްމާޢީލް ވާހަކަ ދެއްކެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

އެކަން ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ގާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހި ރައްޔިތުންނަކީ ކޮބައިކަން ކަނޑައަޅައި ބަޔާންކޮށް ބުނެފައިވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކީ ވެސް މުސްލިމެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާ ގޮތުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު އެ މީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އަދި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަދެއްކުމަކީ މަނާ ކަމެއްކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫންކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއްކަން ފާހަގަކުރެވެއެވެ. ޝާހިދުގެ ޕޯސްޓުގައި ވެއެވެ.

ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މި މައްސަލަ އަވަހަށް ބައްލަވައި، އެކަށިގެންވާ ފިޔަވަޅު އެޅުމަށް ގޮވައިލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު