Saturday, October 31
ތަރާވީހު ނަމާދުކުރަން ރާއްޖެއިން ބޭރުގެ ހާފިޒުން ގެނައުމުގެ ހުއްދަ ދޭން ފަށައިފި

އަންނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ހާފިޒުން ރާއްޖެއަށް ގެނައުމަށް ހުއްދަ ދޭން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިކަމަށް އެދޭ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު އަންނަ ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން، ސިޓީ ކައުންސިލުގެ އިދާރާތައް ހިމެނޭ ރަށްރަށާއި، ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިން ފޯމާއި އެކަމާ ގުޅޭ ލިޔުންތައް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާނީ ފެބުރުވަރީ 16 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ޙިފްޡުކޮށް އިމާމުވެ ތަރާވީހުނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރަމަޟާން މަހު ޙިފްޡުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާ ރާއްޖެއިން ބޭރުގެ ހާފިޒަކަށް އެލަވަންސް ފައިސާ ދިނުމުގެ މިންގަޑަކީ، ރަމަޟާން މަހުގައި ކުރެވޭ ތަރާވީހު ނަމާދުގައި އިމާމުކަން ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން އާބާދީގެ ނިސްބަތުންނެވެ.

އެގޮތުން ރާއްޖެއިން ބޭރުގެ ހާފިޒުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 200 ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދެވޭނެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ މީހުންނަށް ރާއްޖޭގައި ޙިފްޡުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާ އެއް މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރާ އަދި ހާފިޒުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު