Wednesday, November 18
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދީފިއެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު މަސްވެެރިން މިފްކޯއަށް ކިރި މަހަށްވާ 2،045،823.37 ރުފިޔާ މިއަދު މިފްކޯއިން މަސްވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށެވެ.

މިއީ އިއްޔެ މަސްވެރިންގެ ޕޭމަންޓުގެ ބެކްލޮގު ސާފުކުރިއިރު ޑިސެމްބަރު 7 ވަނަ ދުވަހު ބޭނި މަހުގެ ޕޭމަންޓު ހިމެނޭ ގޮތަށް ދެއްކި ޕޭމަންޓުގެ ފަހުން ފުރަތަމަ ފަހަރަށް 48 ގަޑިއިރުތެރޭ މަސްވެެރިންގެ ފައިސާ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޖަމާކުރެވުނު ތާރީޚީ ދުވަސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒަށް ފަށްފަށުން ޝުކުރު ދަންނަވާ މަރުހަބާ ދަންނަވަން.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްވެރިންގެ އަދި މަސްވެރި ސިނާއަތުގައި ހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުން ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މިއަދުން ފަށައިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެކަން، ރައީސް އިއުލާން ކުރެއްވީ އިއްޔެގައެވެ.

ކ.ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަން ޖެހިފައި އޮތް 38 މިލިއަން ރުފިޔާ، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ދައްކައި ޚަލާސް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ، އަދި އެމްއައިބީގައި އެކައުންޓް ހުޅުވާފައިވާ 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ.

މިއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ނިމުނީ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެފަދަ ބެކްލޮގެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު