Saturday, November 14
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯރކެއްގެ އިސް 2 މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ދެމީހަކު ހައްޔަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުވައްމުލަކު ސިޓީގައި ނެޓްވޯކެއް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި ވެސް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފއެ މައްސަލަބަލަމުންދާ ކަމަށެވެ.

އެ ދެމީހުންނަކީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 34 އަހަރުގެ އަހުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 29 އަހަރުގެ ހަސަން އާޒިމް އެވެ. އިއްޔެ ކޯޓު އަމުރެއްގެ ދަށުންއެ ދެމީހުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަހުމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށްވެސް ފުލުހުން މިއަދު ނެރުނު ބަާނެއްގައި ބުނެފައިވެއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަސަން އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މިހާރު 21 މީހަކާއި ދެ ކުންފުންޏެއްގެ އެކައުންޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާއި ދެކޮޅަށް ފުވައްމުލަކު ސިޓީގައި އޮޕަރޭޝަން ވެށިރައްކަލް ގެ ނަމުގައި ފުލުހުން އޮޕަރޭޝަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހެވެ.

ފުލުހުން ބުނީ، އެ ޖޮއިންޓް އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4،048 ހޮޓްސްޓޮޕް ބަލައި ފާސްކޮށްފައިވާނެ ކަމަށާއި 1،147 މީހުން ހުއްޓުވައި ބަލައި ފާސްކޮށް، 85 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ މައްޗަށް ކުރެވޭ ޖުމްލަ 75 މައްސަލައެއް ތަހުގީގުކޮށް، މިހާތަނަށް 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ފުލުހުން ވަނީ މި އޮޕަރޭޝަންތަކުގައި މިހާތަނަށް ކުރެވުނު މަސައްކަތުންނާއި ހިންގުނު ތަހުގީގުތަކުން، ފުވައްމުލަކު ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އެ ފަރާޓްތަކަށް އެހީތެރިވާ ފާރާތްތައް ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު