Saturday, October 31
މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދާތީ ހުރާ ކައުންސިލުން ރައީސަށް ޝުކުރު ދަންނަވައިފި

ކ.ހުރާގައި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދާތީއާއި، އަދި ރައްޔިތުންނަށް ދަތިވާ ބައެއް ކަންކަން ހައްލުކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، ހުރާ ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ ހުރާ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މެންބަރުން ވަނީ ހުރާގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އޭޓީއެމްގެ މައްސަލައަށް ސަރުކާރުން ހައްލު ހޯއްދަވައިދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ހުރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދެވީތީ ވެސް ޝުކުރު އަދާކުރައްވައިފައެވެ.

ހަމައެއާއެކު ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާތީ ވެސް ކައުންސިލު މެންބަރުން ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މެންބަރުން ވަނީ ޑޮލަރުގެ ދަތިކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް ތައުރީފުކުރައްވައި، އެފަދަ ކަންކަމަކީ " ކޮންމެ ކޮންމެ ފަރާތަކަށް ކުރަން ކެރޭނެ ކަމެއް ނޫން" ކަން ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު މެންބަރުން ވަނީ ސިއްހީ މަރުކަޒުން ސްކޭންގެ ޚިދުމަތް ލިބުމަށް ރައްޔިތުން އެދޭ ކަމާއި، އަތޮޅުތަކުގެ ރަށްތަކަށް ގޯލްޑް ކަޕް މުބާރާތް ކުޅެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ސުކޫލު ތަރައްގީކުރުމަށް ބޭނުންވާ ކަންކަން ވެސް ހިއްސާކުރެއްވިއެވެ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަން ހިމެނެއެވެ. އަދި އެކި ރަށްރަށުގެ އތމ ކޮމިޓީތައް ބައްދަލުވެލައި، އެއްބަޔަކު އަނެއް ބަޔެއްގެ މަސައްކަތްތައް ހިއްސާކުރެވޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށާއި، އެ ކަންކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު