ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޭނުންކުރާ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކ. ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އިއްޔެ ވަނީ މާލީ ވުޒާރާއާއި، މިފްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކުރެވި އިންތިޒާމުތަކެއް ހަމަޖެހިފައި ކަމަށެވެ. މިގޮތުން އެ އިންތިޒާމުތަކުގެ ދަށުން، މާދަމާއިން ފެށިގެން، ބީއެމްއެލްގައި އެކައުންޓެއް އޮވެއްޖެނަމަ، ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް ހަމަޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑު ވީ ވަޢުދު ފުއްދެމުންދާނެ. ބީއެމްއެލްގައި އެކައުންޓު އޮތް މަސް ދޯންޏަކަށް ވިއްޔާ، އެ ދޯނިން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި އެ ދޯނީގެ އެކައުންޓަށް ފައިސާ ޖަމާވަމުންދާނެ މާދަމާއިން ފެށިގެން"، ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން