Saturday, October 31
ޑަބްލިޔުޑީސީ މެންބަރުންނަށް އިނާޔަތްތައް ހޯދައިދިނުމަށް މަޖިލިސް ހުޅުވޭ ދައުރުގައި އިސްލާހު ހުށަހަޅަނީ

ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އެކިއެކި އިނާޔަތްތައް ލިބޭ ގޮތް ހެދުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މި އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގާނޫނު އޮންނަ ގޮތުން މުވައްޒަފުންނަށް ދޭންޖެހޭ ހައިސިއްޔަތެއް ޑަބްލިޔޫޑީސީގެ މެންބަރުންނަކަށެއް ނޯވެއެވެ.

އެގޮތުން ޑަބްލިޔުޑީސީތަކުގެ މެންބަރުންނަށް ލިބޭ އެއްޗެއް ލިބެނީ އިނާޔަތެއްގެ ގޮތުގައި ކަމަށްވާތީ މުވައްޒަފުންނަށް ލިބޭ އެއްވެސް އިނާޔަތެއް، ރޯދަ އެލަވަންސެއް އަދި ދެންވެސް ވަޒީފާއާ ގުޅިފައި ހުރި އެއްވެސް އިނާޔަތެއް ނުލިބެއެވެ.

މީގެކުރިން ރައީސް ޑރ. މުޢިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި ޑަބްލިޔުޑީސީތަކާއެކު ބޭއްވެވި ބައްދަލުވުންތަކުގައި މެންބަރުން ވަނީ މި ކަންކަން ހައްލުކޮށްދިނުމަށް އެދިލައްވާފައެވެ.

މިއަދު ހެނދުނު އއ.ތޮއްޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ޑަބްލިޔުޑީސީތަކުގެ މެންބަރުންގެ އެ ކަންބޮޑުވުންތަކުގެ މަތިން ހަނދުމަފުޅު ނުނެތޭކަން ފާހަގަކުރައްވައި އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު އެ މަސައްކަތް އެބަ ހިނގާ. މަޖިލިސް މިހާރު ބަންދުވެފައި، ފެބުރުވަރީގައި ހުޅެވޭނެ. ކަމާބެހޭ ބައެއް ގާނޫނުތައް އިސްލާހުކުރަން ޖެހޭތީ، ލާމަރުކަޒީ ގާނޫނާއި، އެމްޕްލޮއިމަންޓް ގާނޫނާ، މިފަދަ ގާނޫނުތައް މަޖިލިސް ދެން ހުޅުވޭ ދައުރުގައި އިސްލާހުކޮށްގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ވައުދު ފުއްދައިދޭނަން.

މީގެއިތުރުން އއ.އުކުޅަހު ކައުންސިލާއި އެ ރަށުގެ ޑަބްލިޔުޑީސީއާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ޑަބްލިޔުޑީސީތައް އުވާނުލައްވާނެ ކަމަށާއި އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެކަމުގެ ޔަގީކަން ވެސް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު