Wednesday, November 18
ރަސްދޫގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމުގެ މަޢުލޫމާތު، އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ޙިއްޞާކުރައްވައިފިއެވެ.

އެގޮތުން ރައީސް ޑރ. މުޢިއްޒު، ރަސްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، އަދި ރަށުގައި އިތުރު 50 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާކަމަށާއި، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ކަންބޮޑުންތައް ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި، ރަސްދޫގެ ބޯހިޔާވަހިކަމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ބަލައިގަންނަކަން، ޝުކުރުވެރިކަމާއެކު ކައުންސިލުން ވަނީ ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފަހިކުރެއްވުމަށް މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތައް ރައީސް ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން އިޤްތިޞާދީ ފައިދާވާކަހަލަ ކަމެއްކުރުމަށް ހުށަހަޅުއްވައިފިއްޔާ ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރަސްދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު