Saturday, October 31
ސިގިރޭޓް ބުއިން ހުއްޓާލަން ވޭޕް / އީ ސިގިރޭޓް ބޭނުންކުރުމުން ކުރާނެ ފައިދާއެއް ނެތް- ޑރ.މުހައްމަދު އަލީ

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުގެ ނަމުގައި ވޭޕް ބޭނުންކުރަން ފެށުމުން އެކަމުން އެއްވެސް ފައިދާ އެއް ނުކުރާނެ ކަމަށް އައި.ޖީ.އެމް.އެޗް ގެ އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރ މުހައްމަދު އަލީ މިހެން ވިދާޅުވީ ، ޓީވީމޯލްޑިވްސް އިން ރޭ ކުރިއަށްގެންދިޔަ "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

ދުންފަތުގެ އެކި ބާވަތްތުން ކުރާ ގެއްލުމުގެ އަސަރު ކުޑަކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ވަރަށް ގިނަ ޕޭޝަންޓުންވެސް ގަބޫލުކުރާގޮތުގައި ގެއްލުން ކުޑަ ބާވަތްތައް ހުރެއެވެ.

" ވަރަށް ގިނަ ޕޭޝެންޓުން ހުއްޓާލާން ބޭނުންވެގެން އެއްމަސްފަހުން އައިސް އެބަބުނޭ ހުއްޓާލައިފިމޭ. އެކަމަކު މިހާރު ދުފަނީ އޭ ދުންފަތްކޮޅެކޭ ލަނީ" މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ ވިދާޅުވީ ބައެއް މީހުން ހީކުރާގޮތުގައި ހަމައެކަނި ދުންފަތުގެ ގެއްލުން ލިބެނީ ދުންއަރާފަދަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ ދުންފަތުން އަރާދުމުގެ އިތުރުން ދުންފަތް ކެއުމުންވެސް ގެއްލުންލިބޭކަމަށެވެ.

ދުންފަތުން އެކި ގުނަވަންތަކަށް ކުޑާ އަސަރު ކުޑަނަމަވެސް ދުންފަތުން ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އޭގެ ގެއްލުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ވޭޕް/ ނުވަތަ އީ ސިގިރޭޓުން ގައި ނިކޮޓިން ނުހުންނަ ކަމަށް ބުނެ ދައްކަމުންދާ ވާހަކައާއި ޙަވާލާދީ ޑޮކްޓަރ މުޙައްމަދު އަލީ ވިދާޅުވީ، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ނިކޮޓިން ނެތްކަމަށްބުނާ ވޭޕްގައި ހުންނަ ތަފާތު ވަހާ ރަހަ އިން އަރާ ދުން ބޭނުންކޮށްފިނަމަ ލޭނަރުތަކުގައި ހުންނަ އޮކްސިޖަން ދަށްވާކަމަށެވެ.

" ނިކޮޓިން ނެތްކަމަށްބުނާ ވޭޕްގައި ހުންނަ ތަފާތު ވަހާ ރަހަ އިން އަރާ ދުން، އޭގެ އެންމެ ޕަފް އެއް ދަމާލިޔަސް ލޭނާރުތަކުގައި ހުންނަ އޮކްސިޖަން އެބަދަށްވޭ. ނިކޮޓިން ނެތްކަމަށް އިޝަތިހާރު ކުރިޔަސް އޭގެ ސަބަބުން ނޭވާލާހޮޅީގެ ވައި ދައުރުކުރާ ފަށަލައަށް ގެއްލުން އެބަވޭ" މިދިޔަ މަހު ހަދާފައިވާ ދިރާސާއާއި ޙަވާލާދީ ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވީ ސިގިރޭޓް ބުއިން ހުއްޓާލުމުގެ ނަމުގައި ވޭޕް ނުވަތަ އީ ސިގިރޭޓް ބޭނުންކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު