އާދިއްތަ, November 29
ދިއްދޫއާއި އައްޑޫގައި ހަދަމުންދާ އިސްލާމީ މަރުކަޒު އަންނަ މާޗު މަހުގައި ނިމޭނެ: ޑރ.ޝަހީމް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާރާތް ކުރަމުން ގެންދާ އިސްލާމީ މަރުކަޒާއި، އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރަމުން ގެންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރުގެ މާޗުމަހު ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެމްޓީވީއިން ރޭ ގެނެސްދިން '"ބޮޑު ޚަބަރު"' ޕްރޮގްރާމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އަޅުގަނޑުމެން މި ބަލަނީ އިސްލާމީ މަރުކަޒުތައް ވެސް ހއ.ދިއްދޫގަ އެބަ ގާއިމުކުރެވޭ މަރުކަޒެއް. ދެން އައްޑު އަތޮޅު ހިތަދޫގަ އެބަ ގާއިމުކުރެވޭ އިސްލާމީ މަރުކަޒެއް. މި ތަންތަން ވެސް އިރާދަކުރެއްވިއްޔާ މި ފެށޭ އަހަރުގަ މާޗު ހިސާބުގަ ނިމިގެންދާނެ.

ވަޒީރު ވިދާޅުވީ އެ ދެ މަރުކަޒަށް އިމާމުންގެ ގޮތުގައި އިލްމީ ބޭފުޅުން ލުމަށް ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މީގެކުރިން ވަޒީރު ވިދާޅުވެފައިވާ ގޮތުން، ދިއްދޫގައި އިމާރާތް ކުރަމުން ގެންދާ އިސްލާމީ މަރުކަޒު ވެގެންދާނީ އުތުރުގައި ހުންނަ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ގޮތްޕަކަށެވެ.
އަދި އައްޑޫ އިސްލާމީ މަރުކަޒު ވެގެންދާނީ ދެކުނުގައި ހުންނަ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ގޮތްޕަކަށެވެ.

މި ދެ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާއަކާއި، ތަމްރީނުދޭނެ ވަސީލަތްތައް ގާއިމުވެފައި ހުންނާނެއެވެ. އަދި މި ދެ މަރުކަޒުގައި ހުންނަ މިސްކިތުގައި އިލްމުވެރި އިމާމަކާއި، ބަންގި ގޮވުމަށްޓަކައި ވަކި މުވައްޒިނަކު ހުންނާނެއެވެ.

މިއިން ކޮންމެ މަރުކަޒެއްގައި ވެސް 1500 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ. އަދި މިއިން ކޮންމެ މަރުކަޒެއްގައި 450 މީހުންގެ މަލްޓިޕަރޕަސް ހޯލަކާއި، އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި ޕޭންޓްރީއެއް ހުންނާނެއެވެ.

ރޭގެ ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ މިހާރު ވެސް ވުޒާރާގެ ފަރާތުން މިސްކިތް ބިނާކުރުމުގެ 25 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށްގެންދާކަމާއި، އޭގެއިތުރުން އިސްލާމީ މަރުކަޒުގެ މަސައްކަތް ވެސް ކުރިއަށްގެންދާކަން ފާހަގަކުރައްވައިފައެވެ.

ކުރީ ސަރުކާރުގައި ބައެއް ރަށްރަށުގައި މިސްކިތްތައް އެޅުމުގެ މަސައްކަތްތައް ފަށާފައި ހުރި ކަމަށާއި، ނަމަވެސް މި ސަރުކާރު އައިއިރު، ބައެއް ތަންތަން ހުރީ ބިލުތަކާ އެއްޗެހި ނުދެއްކި ވަރަށް ބޮޑަށް ތަންތަން ހަލާކުވެ، މަސައްކަތް މަޑުޖެހި، ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންވީމަ އެ ހުރިހާ ބިލުތަކެއް މިހާރު ވާނީ ދައްކާފަ މިއަދުގެ ސަރުކާރުން. ރައީސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް އެކަންކަމަށް ދެއްވާ. ގާތްގަނޑަކަށް ފަންސާހަކަށް މިލިއަން ރުފިޔާގެ ބިލުތައް މިހާރު ވަނީ ޕޭކޮށްފަ މިސްކިތްތަކަށް.

ވަޒީރު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ވެސް ވަަރަށް ގިނަ މިސްކިތްތަކެއް އެޅުމުގެ މަޝްރޫއު ވުޒާރާއާ ގުޅިގެން އެބަ ކުރިއަށްގެންދާ ކަމަށާއި، މި ސަރުކާރު އައި ފަހުން 9 ވަރަކަށް މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

އަމާޒަކީ މި ދައުރުގެ ތެރޭގައި މިސްކިތްތައް ހެދުމުގެ ހުރިހާ މަޝްރޫއުއެއް ނިންމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު