ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިދިޔަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، %57 ބައިވެރިން އިމްތިޙާނުން ފާސްވެއްޖެއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި އަހަރުގެ އިމްތިޙާނުގައި ބައިވެރިވެ ޤާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިނިމަމް ކޮމްޕިޓެންސީ ތްރެޝްހޯލްޑް ޙާޞިލުކޮށް، އިމްތިޙާނުން ފާސްވެފައިވަނީ %57 ބައިވެރިން ކަމަށެވެ. މި އަހަރުގެ އިމްތިޙާނުގައި އެންމެ މަތީ ދަރަޖަތައް ޙާޞިލުކޮށްފައިވާ ފަރާތްތައް ތިރީގައި އެވަނީއެވެ.
- ޢަލީ ޖަޒީލް އަޙްމަދު – ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- އީޝާ ޢާދިލް ނަސީމް – އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
- ޙަމްދާ ޢަބްދުއްރަޙްމާން - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- ޙައްވާ ޝިއުނާ – ވިލާ ކޮލެޖު
- އިބްރާހީމް ޝަރަފް ތައުފީޤު - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- މަރްޔަން ނުހާ – ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލަންޑް (ވިލާ ކޮލެޖު)
- އަޙްމަދު އިބްރާހީމް – ވިލާ ކޮލެޖު
- މަރްޔަން ސަނާ – ވިލާ ކޮލެޖު
- ޝާޢިރާ ޢަލީ - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- ޢަބްދުﷲ ޖާބިރު - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- އަޙްމަދު ޣައްސާން އިބްރާހީމް – ވިލާ ކޮލެޖު
- އަޙްނަފު މުޙައްމަދު – ވިލާ ކޮލެޖު
- ފާޠިމަތު ރީޢަތު ޝަމީޒް – ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން
- އިބްރާހީމް ހަޒުމް – ވިލާ ކޮލެޖު
ބާ ކައުންސިލުން ހާމަކުރި ގޮތުގައި މި އަހަރުގެ އިމްތިޙާނުގައި ބައިވެރިވި 183 ކެންޑިޑޭޓުންގެ %85 އަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ލޯ ޑިގްރީ ހާސިލުކޮށްގެން އިމްތިޙާނުގައި ބައިވެރިވެފައިވާ ފަރާތްތައް ކަމަށާއި، %15 އަކީ ބޭރުގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތްތަކެވެ.
ބާ ކައުންސިލުން ބުނީ ބާ އިމްތިޙާނުގެ ސަބްޖެކްޓް އޭރިއާތަކުގެ މުޤައްރަރާ ގުޅޭ ފަންނީ ކަންކަމުގައި ގޮތް ނިންމެވުމަށް މި އަހަރުވެސް އެކްސްޕަރޓުންގެ ކޮމިޓީއެއް އެކުލަވާލެވި، ކޮމިޓީގެ އިރުޝާދުގެ ދަށުން އިމްތިޙާނުގެ ސިލަބަހާ ގުޅޭ ކަންކަން ކުރިއަށްގެންދެވިފައިވާ ކަމަށެވެ. އެގޮތުން ބާ އިމްތިޙާނު އޭގެ އެންމެ ފުރިހަމަ ފޮތުގައި ކުރިއަށް ގެންދިއުމުގައި މި މަސައްކަތަށް ބޭނުންވާ ފަންނީ ތަޖުރިބާ އެކި ގޮތްގޮތުން ފޯރުކޮށްދެއްވި ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ބޭފުޅުންނާއި، އަދި ޤާނޫނީ ދާއިރާއިން ތަޢުލީމު އުނގަންނައިދޭ ފަރާތްތައް ހިމެނޭ ގޮތުން، ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރާ ކަމަށްވެސް ބާ ކައުންސިލުގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އިމްތިޙާނަށް ސުވާލު ތައްޔާރުކުރުމާއި، ރިވިއު ކުރުމާއި، ސްޓެންޑަޑް ސެޓިންގ މަސައްކަތް އަދި ބާ އިމްތިޙާނުގެ ބައިވެރިން އިމްތިޙާނަށް ތައްޔާރުކޮށްދިނުމުގެ ގޮތުން ބާ ކައުންސިލުގެ އިސްނެގުމުގައި ކުރިއަށް ގެންދެވުނު ލެކްޗަރުތައް ކުރިއަށް ގެންދިއުމުގައި މި ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު އަދި އަލަށް މި ފަންނަނާ ގުޅިފައިވާ ޤާނޫނީ ވަކީލުން ވަނީ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިކަންވެސް ބާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ބާ ކައުންސިލުން ބުނީ މި އަހަރުގެ އިމްތިޙާނަކީ އިންޓަރނޭޝަނަލް ޓެސްޓިންގ ކޮލިޓީ ސްޓޭންޑަޑުތަކަށް ފެތޭ އިމްތިޙާނަކަށް ހެދުމުގައި ބާ ކައުންސިލުގެ ބައިވެރިން ކަމަށްވާ ޔުނައިޓެޑު އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް އެއިޑް) އަދި އެމެރިކާ ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނީޝިއަޓިވް (އޭ.ބީ.އާރު.އޯ.އެލް.އައި) އިން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން