ދިވެހި ތާރީޚުގައި ވެސް މަސްވެރި ސިނާއަތަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަން ޔަގީން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާއަތަށް ރިޔާސީ ދައުރެއްގައި އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަން ޔަގީން ވަނީ ޒައާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާއާތުގެ ތަރައްގީއަށް ކުރައްވަން ފެށްޓެވި މުހިއްމު ގިނަ މަސައްކަތްޕުޅުތަކުން ކަމަށެވެ
ރައީސް ޑރ. މުޢިއްޒަކީ މަސްވެރި ސިނާއަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ ބޭފުޅެއް ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ، ކެޔޮޅުންނާ ބައްދަލުކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
އެ ބައްދަލުކުރެއްވުމުގައި ކެޔޮޅުން ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައްދަލުވުމުގައި ކެޔޮޅުން ވަނީ މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައް ރައީސާ ހިއްސާކުރައްވައިފައެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެޔޮޅުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން