Tuesday, November 17
މިހާ ހިސާބަށް މަސްތުވާތަކެތީގެ މައްސަލަ ގޯސްވެފައިވަނީ ކުރީ ސަރުކާރުތަކުގެ އިހުމާލުން: އަނާރާ

މިހާ ހިސާބަށް މަސްތުވާތަކެތީގެ މައްސަލަ ގޯސްވެގެން އައިސްފައި މިއޮތީ ފާއިތުވި ސަރުކާރުތަކުން އެ މައްސަލައަށް އަޅައިލަންވާ ވަރަށް އަޅައިނުލާ އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އމެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ އިއްވާފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

މި ބިލަށް ބަހުސް ކުރައްވަން ފަށްޓަވަމުން އަނާރާ ވަނީ މިފަދަ މުހިންމު މުހިންމު މައްސަލައެއް ހައްލުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ. އަދި މި ބިލު ހުށަހަޅުއްވައިދެއްވި މެންބަރަށް ވެސް ޝުކުރު ދަންނަވައިފައެވެ.

ޖުމްލަ ގޮތެއްގައި މި ބިލަށް އަޅުގަނޑު ވަރަށް ތާއީދުކުރާ ވާހަކަ ދަންނަވަން. އަދި އަޅުގަނޑުމެން ހުރިހާ ރައްޔިތުން، ހުރިހާ އެންމެން މިފަދަ މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވާން މަސައްކަތްކޮށްފިއްޔާ މިކަމުން ސަލާމަތްވެވޭނެ އިރާދަކުރެއްވިއްޔާ. އަދިވެސް އަޅުގަނޑު އެއް ފަހަރު ހަމަ ސަރުކާރަށް ޝުކުރުއަދާކުރަން މިފަދަ މުހިންމު މަސައްކަތެއް ފެށްޓެވީތީ.

އަނާރާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރަކުން ކުރެވޭނެ ކަމެއް ކަމަށާއި، ނަމަވެސް މިހާ ހިސާބަށް މި މަސްތުވާތަކެތީގެ މައްސަލަ ގޯސްވެގެން އައިސްފައި މި އޮތީ ފާއިތުވި ސަރުކާރުތަކުން މި ކަންކަމަށް އަޅައިލަންވާ ވަރަށް އަޅައިނުލާ އޮތުމުން ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މިކަންކަމަށް ވަރަށް ރަނގަޅު ހައްލުތަކެއް ގެންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވި ގޮތުގައި، މި މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި އިތުރުވުމަށް މަގުފަހިވާ ސަބަބުތަކެއް ވެސް އެބަހުރިއެވެ. އެގޮތުން އާއިލާތައް ރޫޅުން އެއީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

އެހެންކަމުން އާއިލާތައް ހަރުދަނާ ގޮތެއްގައި ބައްޓަންކޮށް ބިނާކުރާނެ ގޮތަކަށް ނުވަތަ ދަރިންނަށް ރަނގަޅު ތަރުބިއްޔަތުދީ، ދަރިންނަށް ރަނގަޅު މަގުދައްކައިދޭނެ ގޮތްތަކަކަށް ރިއާޔަތްކޮށް ވަރަށް ރަނގަޅު ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލެވެންޖެހޭ ކަމަށް އަނާރާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު