Saturday, October 31
ތިލަމާލެ ބުރިޖު: ގުޅިފަޅު-ތިލަފުށި ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށަނީ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ކުރިއަށްދާ މާލެ-ތިލަފުށި ލިންކްގެ މަސައްކަތްތަކުގެ ތެރެއިން ގުޅިފަޅު-ތިލަފުށި ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާތީ ގުޅިފަޅު–ތިލަފުށި ޗެނަލް ބަންދުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ބުނީ މާލެ–ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ގުޅިފަޅު-ތިލަފުށި ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް މި މަހުގެ 05 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން ގުޅިފަޅު–ތިލަފުށި ޗެނަލް މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާތީ، ކަނޑު އުޅަނދުފަހަރު މި ސަރަހައްދުން ދަތުރު ނުކުރުމަށް އާއްމުކޮށް އަންގާ އިއުލާނު ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު މި ޗެނަލް ތައްވެސް ބަންދު ކޮށްފައިވާތީ މި ސަރައްދުން ދަތުރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މާލެ-ތިލަފުށި ލިންކްގެ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ކުރިއަށްދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް މުޅި މަޝްރޫއުގެ %46.58 މަސައްކަތް ވަނީ ނިމިފައެވެ. އަދި މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ނިމިފައިވާ %28.7 އާ އަޅާބަލާއިރު ފާހަގަކޮށްލެވޭވަރުގެ ކުރިއެރުމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރު ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ތަނބުތަކުގެ ޕައިލިންގގެ %80.2 މަސައްކަތް ނިންމާލެވިފައިވާއިރު، ޕައިލް ކެޕްގެ %68.6 އަދި ޕިއަރ ކޮލަމްސްގެ %62.2 އާއި، ސެގްމެންޓް ޕްރީކާސްޓިންގގެ ‎44.11%‎ މަސައްކަތް ވެސް ނިންމާލެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ތިލަމާލެ ބުރިޖު މަޝްރޫއު ނިމުމުން ރާއްޖޭގެ އިގުތިސާދީ ވިއުގައި ގިނަ ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވެ، މާލެއާއި ތިލަފުށި ގުޅާލުމުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު