އާދިއްތަ, November 15
ޗައިނާގެ ސަފީރު، ރައީސް ޑރ. މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވޮންގ ލީޒިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ސަފީރު ވޮންގ އަށް ޝުކުރު ދަންނަވައި، ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައިފައެވެ.

މި ބައްދަލުވުމުގައި ސަފީރު ވޮންގ ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރުގެ ފަރާތުން ދެއްވާފައިވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި އަހަރުގެ ތެރޭގައި ސަރުކާރުން ދައްކަވާފައިވާ ސާބިތުކަމާއި، ހާސިލުކުރައްވާފައިވާ ކާމިޔާބީތަކާއި ތަރައްޤީގެ ހެޔޮ ބަދަލުތަކަށް އެކަމަނާ ވަނީ ތަޢުރީފުކުރައްވައިފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ބިންގަލަކީ ދެ ޤައުމުގެ މަޞްލަހަތު އެކުލެވޭ ކަންތައްތަކާއި އިޙުތިރާމް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ، ޗައިނާގެ އިސްނެންގެވުމާއެކު މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ކުރިއެރުންތަކާއި، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒާއި ސަފީރު ވޮންގ ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު