އާދިއްތަ, November 1
ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޭލާ ތިބޭ ބައެއް: ސީޕީ

ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޭލާ ތިބޭ ބައެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހަރަކާތް އިތުރުކުރުމަށް މިހާރު ފަށާފައިވާ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ކިބައިން ފެނުނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ލޯބި ކަމަށެވެ. އަދި، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ގާތްގަނޑަކަށް 12 ގަޑި އިރު މަސައްކަތް ކުރާކަން ފާހަގަކުރައްވައި ސީޕީ ވަނީ ފުލުހުން މިވަގުތު ޤައުމަށް ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވެފައެވެ.

"މިކުދިންގެ އާއިލާ އާއި އަދި ކުރަންޖެހޭ އެހެނިހެން ކަންތައްތައްވެސް ހުންނާނެ. ނަމަވެސް މީގެ ކުރިން ލިބުނު ވަރަށް ގިނަ ވަގުތުތަކެއް ހަމަ ރައްޔިތުންގެ ޚިދުމަތުގަ އެކުދިން ރައްޔިތުންގެ ކަންބޮޑުވުންތަކުގަ ރައްޔިތުންނާ އެކު އެ ހޭދަ ކުރަނީ. މި ފުރުސަތުގަ އަޅުގަނޑު މި މުއައްސަސާގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ދިވެހި ފުލުހުން ރައްޔިތުންގެ ހިމާޔަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ ފުލުހުންނަށް ޝުކުރު ދަންނަވަން"، ސީޕީ ވިދާޅުވިއެވެ.

ތަމްރީން ހެދުމަށްޓަކައި 300އަށް ވުރެ ގިނަ ފުލުހުން އުޅެމުންދާ ދުވަސްވަރެއްގައި އެ ފުލުހުންގެ މަސައްކަތްވެސް މިވަގުތު ޑިއުޓީގަ އުޅޭ ފުލުހުން އަދާކުރައްވަމުންގެންދަވާ ކަމަށްވެސް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި، މިވަގުތު ބުރަކޮށް މަސައްކަތް ކުރަން ޖެހުނުނަމަވެސް ތަމްރީން ހަދަމުންދާ ފުލުހުން ޚިދުމަތަށް ނުކުތުމުން އާއިލާއާއެކީ ވަގުތު ހޭދަ ކުރުމުގެ ފުރުސަތު އެ ފުލުހުންނަށް ލިބޭނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ކޮންމެ ދަތި ވަގުތެއްގައި ފުލުހުން ހާމަކޮށްދެނީ ފުލުހުންގެ ޚިދުމަތުގެ ޚާއްޞަކަން ކަމަށާއި ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޭލާ ތިބޭ ބައެއް ކަމުގައި ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ.

ސީޕީ ވިދާޅުވީ މާލެ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިއުމާގުޅިގެން މާލެ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފިޒުކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން މިހާރު މަގުތަކުގައި ބާރުބޮޑުވާ ގަޑިތަކުގައި މާލޭގެ 21 ސަރަޙައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާކަން ސިޕީ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު