Monday, November 2
ރާއްޖެއިން 6 މީހަކަށް އެއިޑްސް ޖެހިއްޖެ

މިއަހަރުވެސް ރާއްޖެއިން އިތުރު 6 މީހަކަށް އެޗްއައިވީ(އެއިޑްސް) ޖެހުނުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއި ދިމާކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން މިހާތަނަށް 43 މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި އެއިޑްސް ޖެހިފައިވާ ގިނަ މީހުންނަކީ 15 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މިހާތަނަށް އެންމެ ގިނަ ކޭސް ރާއްޖެއިން ފެނިފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އެއީ 5 ފިރިހެނުންނާއި 2 އަންހެނުންނެވެ.

މިއަހަރުގެ ތެރޭގައި އެކަނިވެސް 6 މީހަކަށް އެއިޑްސް ޖެހި ފަރުވާ ހޯދަމުން އަންނަ ކަމަށާއި، މިދިޔަ އަހަރުވެސް ރާއްޖެއިން 3 މީހަކަށް އެ ބަލި ޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖައްސާ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ބަލީގެ މީހަކު ރާއްޖެއިން ފުރަތަމަ ފެނުނީ 1991 އަހަރުއެވެ.

ރާއްޖެއިން އެއިޑްސް ޖެހުނު މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ މަރުވެފައި ކަމަށާއި، 26 މީހަކު މިވަގުތުވެސް ފަރުވާ ހޯދަމުން އަންނަކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

- ބަލި ފެތުރޭ ގޮތް:

• ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން

• ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުން

• އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް ފެތުރުމުގެ ފުރުސަތު އޮވޭ

• އެޗްއައިވީ ވައިރަސް ހުރި ލޭ އެޅުން

އެޗްއައިވީ އަކީ ބަލިން ރައްކާތެރިވެވޭ ބައްޔެކެވެ. އަދި ރާއްޖޭގައި މިބައްޔަށް ހިލޭ ފަރުވާ ކުރެވެއެވެ. މި ބައްޔަކީ މުޅިން ރަނގަޅު ކުރެވޭ ބައްޔެއް ނޫނަސް ގަވާއިދުން ފަރުވާ ދިނުމުން ދުޅަހެޔޮ ދިރިއުޅުމެއް ބަލިޖެހިފައި ހުންނަ މީހާއަށްވެސް އުޅެވޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު