ދިރާސީ އަހަރު ޖެނުއަރީ މަހުގައި ފަށަން ޖެހޭ ގޮތަށް ކަނޑައަޅައި، ހޯމް ސްކޫލިން ތައާރަފުކުރާ ގޮތަށް ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. މިއަދުގެ ޖަލްސާގައި ބިލުގެ ބަހުސް ނިންމުމަށްފަހު ވޯޓަށް އެހުމުން، ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލު ބަލައިގަތުމުން، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ބިލުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ފަށަންވާނީ ޖެނުއަރީ މަހުންނެވެ. ނަމަވެސް މަގްބޫލު އުޒުރެއް ނުވަތަ މަޖުބޫރު ހާލަތެއް މެދުވެރިވެއްޖެނަމަ، ފެބުރުއަރީ މަހުގެ ނިޔަލަށް ދިރާސީ އަހަރު ފެށުން ފަސްކުރުމުގެ އިހުތިޔާރު ލިބިދޭ މާއްދާއެއްވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ސްކޫލުތަކުގައި ކިޔަވައިދޭ 195 ދުވަސް ކަނޑައެޅުމުގައި ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީތައް ނުގުނޭނެއެވެ.
ސަރުކާރުން ބުނާ ގޮތުގައި، އަންނަ އަހަރުގެ ދިރާސީ ކަލަންޑަރު އެކުލަވާލާފައިވަނީ ސްކޫލުތައް 201 ދުވަހަށް ހުޅުވާ ގޮތަށް ނަމަވެސް، ހާއްސަ ހަރަކާތްތަކާއި ބަންދުތައް އުނިކުރުމުން ކިޔަވައިދިނުމަށް ލިބެނީ އެންމެ 163 ދުވަހެވެ. އެހެންކަމުން، ކިޔަވައިދޭ ދުވަސްތަކުގެ އަދަދު އިތުރުކޮށް، ތައުލީމީ ފެންވަރު މަތިކުރުމަކީ މި އިސްލާހުގެ މައިގަނޑު މަގުސަދު ކަމަށް ސަރުކާރުން ބުނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން، ޓާމް ބަންދުތައް ހިމެނޭ ގޮތަށް އަހަރަކު 4 ހަފުތާގެ ޗުއްޓީ ތިން މުއްދަތަކަށް ބަހާލައިގެން ދިނުމަށްވެސް ބިލުގައި ރާވާފައިވެއެވެ.
ހަމައެއާއެކު، ކުއްޖާގެ ނުކުޅެދުންތެރިކަމަށް ނުވަތަ ނަފްސާނީ ހާލަތަށް ރިއާޔަތްކޮށް ހެދޭ އެސެސްމެންޓަކަށްފަހު، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯމް ސްކޫލިންގެ ދަށުން ދަރިވަރުންނަށް ފަހިވެގެންދާނެއެވެ. ބިލުގައިވާ ގޮތުން، ހޯމް ސްކޫލިންއަށް އެދެވޭނީ ރަސްމީ ތައުލީމީ ނިޒާމުގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށެވެ. އަދި އެ ހިދުމަތް ލިބޭނީ ކުއްޖާގެ ބެލެނިވެރިންގެ ކިބައިގައި އޭގެ މާލީ ގާބިލުކަން ހުރި ނަމައެވެ.
މީގެ އިތުރުން، ސްކޫލު ގަޑީގައި ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ހިލޭ ނާސްތާ ފޯރުކޮށްދިނުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.






