Saturday, October 31
އެގްރިކަލްޗަރ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޑރ.މާރިޔާއާ ހަވާލުކުރައްވައިފި

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީ ގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާއާ ހަވާލުކުރައްވައިފިއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމުގައި ހުންނެވި ޑޮކްޓަރ ޢާއިޝަތު ރަމީލާ މިއަދު ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ރައީސް އޮފީހުން މިރޭ ބުނީ، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވެންދެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީ ގޮތުން މިނިސްޓަރު ޑޮކްޓަރ މަރްޔަމް މާރިޔާއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަވާލުކުރައްވާފައިވާ ކަމަށެވެ.

އެގްރިކަލްޗަރ މިނިސްޓަރުގެ މަގާމުން ޑރ. ރަމީލާ އިސްތިއުފާދެއްވީ ސިއްހީ ހާލުކޮޅު ހުރި ގޮތުންނެވެ.

އިސްތިއުފާ ގަބޫލުފުޅު ކުރައްވައި ނެރުއްވި ނޫސް ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލާސްކަންފުޅާ އުޅުއްވަމުން ވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ޑރ. ރަމީލާ، ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވި މަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގެވުމުގައި އެހީތެރިވުމަށް، އެ މަނިކުފާނަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު