Saturday, October 31
މަގުމައްޗަށާއި ކަނޑަށް ކުނި ނޭޅުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

މަގުމައްޗަށާއި ކަނޑަށް ކުނި ނޭޅުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ އަދި ވިލިމާލޭގެ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ދުވަހުން ދުވަހަށް ކުރެވެމުންދާ ކަމެއް ނަމަވެސް، މި މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މަގުމައްޗަށާއި ކަނޑަށް ކުނި ނޭޅުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން، މާލޭ ސިޓީގެ މޭޔަރ، އާދަމް ޢާޒިމް ވެސް ވަނީ މަގުތަކަށާއި ޢާންމު ތަންތަނަށް ކުނި ނޭޅުމަށް އެދިވަޑައިގެންފައެވެ. މިގޮތުން ވެމްކޯ އަދި ޓީ-ޖެޓީ އަށް ވަންނަ ސަރަޙައްދު ސާފުކުރެވި ރީތިކުރެވިފައިވާކަން ހާމަކުރައްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޢާޒިމް ވިދާޅުވީ، ރީތި މާލޭ ސިޓީއެއް ލިބޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި، އެ ސަރަޙައްދު ސާފުކުރުމުގައި ވެމްކޯ އާއި ޓްރެފިކް ފުލުހުން ދެއްވި އެހީތެރިކަމަށްޓަކައި ޢާޒިމް ވަނީ އެ ފަރާތްތަކަށް ޝުކުރުވެސް ދަންނަވައިފައެވެ.

މާލޭ ސިޓީގެ ފަޅުތެރެ ސާފުކުރުމަށް ކައުންސިލުން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުންދާއިރު، ކޮންމެ ދުވަހަކުވެސް ފަޅުތެރެއިން 50 އަށްވުރެ ގިނަ ކަޅުކޮތަޅުގެ ޕްލާސްޓިކް އަދި އެހެނިހެން ކުނީގެ ބާވަތްތައް ނެގޭ ކަމުގައި އެ ކައުންސިލުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މީގެ އިތުރުން، ނިމިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ވިލިމާލޭގެ ބޯޓުޔާޑު ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިންވެސް 9.1 އަށްވުރެ ގިނަ ޓަނުގެ ކުނި ނެގިފައިވާ ކަމަށާއި، މާލޭ ސިޓީ ރީތިކޮށް، ސާފުތާހިރުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމުގައި އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު