Saturday, October 31
މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި! : މިއީ ޚިޔާލު ފާޅުކުރީ ކަމަށް ބަލައި އަޅާނުލައި ނުތިބެވޭނެ

މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާ ގޮތަށް އެއްވެސް މީހަކު ބަހެއް ބުނެފިނަމަ، އެކަމުގެ ތަފްސީލު ހޯދައި އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހއ.ތުރާކުނު/ނިޔަދުރުމާގެ، ޙުސައިން ޝާފިޢު (ތުއްތު)، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަނަށް ހާޒިރުވާން އަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އޭނާއަށް ޗިޓެއް ފޮނުވާފައެވެ.

ޙުސައިން ޝާފިޢުއަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ ފުލުހަށް ހާޒިރުކުރަނީ ޗާލީ_ތުއްތު ގެ ނަމުގައި ހަދާފައިވާ ހޭންޑްލައިންއިން ނޮވެމްބަރު 08 ވަނަ ދުވަހުގެ 1.14 ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ޕޯސްޓެއްކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢިލް ވިދާޅުވީ ޝާފިޢު ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ފަށައިފި ކަމަށެވެ.

ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށާއި، ރައްޔިތުންގެ އަޑު ކަނޑުވާލައި، ޚިޔާލު ފާޅުކުރުމަށް ޚުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި، މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ ކަމަށެވެ.

ފައްޔާޟަށް ރައްދު ދެއްވައި މިނިސްޓަރު އިޙްސާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝާފިޢުގެ ޕޯސްޓުގައި ލިޔެފައި އޮތް، "މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި!" މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއް މަތިން ފެނިއްޖެނަމަ، އެމީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާ ގޮތަށް އޮތުމުން މިކަމުގެ ތަފުސީލު ހޯދައި، މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާ ގޮތަށް ބުނެފިނަމަ އެއީ ޚިޔާލު ފާޅުކުރީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއް މަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ޚިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މި ގައުމުގައި ކަންކަން އޮންނާނެ ގޮތަކީ؟

ޔަގީނުން ވެސް މި ސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ޚިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށް އިޙްސާން ވިދާޅުވިއެވެ.

ފައްޔާޟަށް ރައްދު ދެއްވައި އިޙްސާން އިތުރަަށް ވިދާޅުވީ ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު