މިއަދުގެ ސަރުކާރުން ޒަކާތުގެ ކަންކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޑރ. އަލީ ޒާހިރު ވިދާޅުވީ މިއަދުގެ ސަރުކާރުން ޒަކާތުގެ ކަންކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ޒަކާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދާފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ޒަކާތާއި ގުޅޭ ކޮންފަރެންސެއް ބޭއްވިގެންދާކަމީ ވަރަށް ބޭނުންތެރި މުހިއްމު ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގައި ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި، ޒަކާތުގެ ކަންކަން ތަރައްގީވެފައި ހުރި ގައުމުތަކުން ބޭފުޅުން ވަޑައިގައިންނަވާ ތަޖުރިބާ ހިއްސާކުުރުމަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަން ވެސް ޑރ. ޒާހިރު ފާހަގަކުރެއްވިއެވެ.
ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ތަފާތު މޮޅެތި ޚިޔާލުތައް މި ކޮންފަރެންސްގެ ތެރެއިން ލިބިގެންދާނެކަމަށް ޔަގީން ކުރައްވާ ކަމަށާއި، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ޒަކާތު ފަންޑު ރަނގަޅަށް މެނޭޖުކުރެވުމަކީ ދުވަހުން ދުވަހަށް ފަގީރުންގެ ލިސްޓުގައި ތިބޭ ބޭފުޅުންގެ އަދަދު މަދުވެގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މިހާރުވެސް ޒަކާތަށް ވަރަށް ބޮޑަށް ހޭލުންތެރިކަން އިތުރުކުރެވިފައިވާ ކަމަށާއި، ނަމަވެސް އަދިވެސް މި މަސައްކަތް އިތުރަށް ފުޅާ ކުރަން ޖެހޭކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.
މިރޭގެ ނިޔަލަށް ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި އިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖުތިމާއީ ދުޅަހެޔޮކަމާއި އިގުތިސާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސްގެ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ގާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދިނުމެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި، މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވާއިރު، ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގުތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ލިޔުން ކިޔާލުމުން