އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން، އެ އަންހެން މީހާގެ ނަމުގައި މީސްމީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އެ އަންހެން މީހާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިިސާ ހޯދަމުންދާ މައްސަލައެއް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ވެސް ގިނައެވެ. މިގޮތަށް ގުޅާ މީހުން، ތިޔަ ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއްކަމަށް ބުނެއެވެ. އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަމްބަރު ދޫކޮށްލީ ކަމަށާއި، އެހެންކަމުން އޭނާގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭ ކަމަށާއި، ޓޫފެކްޓަރ އޯތޮންޓިކޭޓަރ ސެޓުކޮށްފައިވާނީ ތިޔަ ނަމްބަރަށް ކަމަށް ބުނެއެވެ. އަދި ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށް އެދެއެވެ. މީގެއިތުރުން ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވެެއެވެ.ފޭސްބުކް އެކައުންޓް ހެކްކޮށް، ފައިސާ ހޯދަމުންދިޔަ މައްސަލައެއް ބަލަނީ

މި ލިޔުން ކިޔާލުމުން





